މި މަހުގެ އަށް ވަނަ ދުވަހު ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުން އެތަނުން ނެރެ އެ އިމާރާތް ބަންދުކުރި ކަމުގެ ތުހުމަތަށް އެ ރަށު ރަށު ކައުންސިލްގެ ރައީސާއި އިތުރު ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އިހަވަންދު އަށް ނިސްބަތްވާ ބްލޮގެއް ކަމަށްވާ އިހަވަންދޫ އޮންލައިން އިން ބުނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ހުޅުވީ މިއަދު ހެނދުނު 11.40 އެހާކަންހާއިރު ކަމަށާއި އެއަށް ފަހު އެ ތިން މީހުން ހައްޔަރު ކުރީ ކަމަށެވެ. އަދި އެގޮތުން ދެ ވަނަ އަށް ހައްޔަރު ކުރީ އިހަވަންދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު ކަމަށް ވެސް އިހަވަންދޫ އޮންލައިންގައިވެ އެވެ.

އިހަވަންދޫން މިއަދު ތިން މީހުން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމު ވިދާޅުވީ އެ ރަށުން މިއަދު ހައްޔަރުކުރި ތިން މީހުންނަކީ އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުން އެތަނުން ނެރެ، މި މަހުގެ 8 ވަނަ ދުވަހު ޕޮލިސް ސްޓޭޝަން ބަންދުކުރި މައްސަލައިގާ ހައްޔަރު ކުރި ތިން މީހުން ކަމަށެވެ.

ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ރަށު ކައުންސިލްގެ ރައީސް ހިމެނޭ ކަމަކަށް ނުވަތަ ނޫން ކަމަކަށް ވެސް ޝިޔާމު ވިދާޅެއް ނުވެއެވެ.

އެމްޑީޕީން މި މަހުގެ އަށް ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއެއް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްގެން ރޫޅާލުމުން އެ ދުވަހުގެ ހަވީރާއި އެރޭ، އެމްޑީޕީ އަށް ސަޕޯޓްކުރާ ފަރާތްތަކުން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ޕޮލިސް ސްޓޭޝަންތައް ބަންދުކޮށްފައިވާ އިރު ބައެއް ތަންތަން ވަނީ އަންދާ ވެސް ލައިފަ އެވެ.