19 Feb 2012, 14:46
އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ ބޮޑު މުޒާހަރާގެ ރަސްމީ ހައިސިއްޔަތާ މެދު ޕާޓީގެ ރައީސާއި ޕާޓީގެ އެހެން ބޭފުޅުންނާ ދެމެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް މިދިޔަ ހުކުރު ދުވަހު ފެށި މުޒާހަރާ ތިންވަނަ ދުވަހަކަށް ދިގު ދެމިގެން ގޮސްފައިވާ އިރު އެމްޑީޕީގެ ރައީސް ޑީޑީ އިއްޔެ ސަންއޮންލައިން އަށް ވިދާޅުވީ އިންސާފުގެ ދަތުރުގެ ނަމުގައި މުޒާހަރާ އެއް ކުރުމަށް ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ ހުކުރު ދުވަހުގެރޭ 12 ޖެހުމާ ހަމައަށް ކަމަށާއި އޭގެ ފަހުން ހިންގި ހަރަކާތްތަކަކީ އެޕާޓީގެ ރަސްމީ ހަރަކާތްތަކެއް ނޫންކަމަށެވެ.
"އަޅުގަނޑުމެން ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ރަސްމީ ހަރަކާތްތައް ސަތާރަ ވަނަ ދުވަހުގެ ބާރަ ޖެހުމާއި ހަމައަށް ވަނީ ނިމިފައި. އޭގެ ފަހުގައި ވެސް އެ ސަރަހައްދުގައި ހަރަކާތްތައް ހިނގަމުންދިޔަ. އެހެން ނަމަވެސް އެއީ ޕާޓީގެ ރަސްމީ ގޮތަށް ކުރިއަށް ދިޔަ ހަރަކާތްތައް ނޫން. އެ ބޭފުޅުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ." ޑީޑީ ވިދާޅުވި އެވެ.
އެރޭ މުޒާހަރާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސްލީޑަރު މުހަންމަދު ނަޝީދު ވެސް ވާހަކަ ދެއްކެވީ 12ގެ ފަހުންނެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު ވެސް ނަޝީދު ވަނީ މުޒާހަރާއަށް ވަޑައިގެން އެ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ( އިންތި )ގެ ވާހަކަ ޑީޑީގެ ވާހަކައާ ދިމާ އިދިކޮޅެވެ.
އިންތި މިއަދު ވިދާޅުވީ އެމްޑީޕީން ހުއްޓާނުލާ ކުރަމުންދާ މުޒާހަރާއަކީ އެމްޑީޕީގެ ރަސްމީ ހަރަކާތްތަކެއް ކަމަށާއި ޑީޑީ އެހެން ގޮތަކަށް ވިދާޅުވެފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށާއި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެއްވުން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
"ސަތާރަ ވަނަ ދުވަހުގެ ފަހުން ވެސް އެމްޑީޕީން ހިންގަމުންމިދާ ހަރަކާތްތަކަކީ ޕާޓީގެ ރަސްމީ ހަރަކާތްތަކެއް. އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ ސަތާރަ ވަނަ ދުވަހުގެ އެއްވުން ކުރިއަށް ކުރިއަށްގެން ދިއުމަށް. އަދި އެ ދުވަހު ނޯންނާނެ ވަކި ދުވަހަކު ނިންމާލުމަށް. މުޒާހަރާގެ ކަންތައް ކުރިއަށް ގެންދިއުމަށް ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ އިންތިޒާމް ކޮމެޓީއާ ހަވާލުކޮށްގެން. އެ ކޮމެޓީގައި ތިއްބަވާނީ އެމްޑީޕީގެ ވަރަށް އިސް ބޭފުޅުން." އިންތި ވިދާޅުވި އެވެ.
އެމްޑީޕީން ސަތާރަ ވަނަ ދުވަހު ފެށި މުޒާހަރާގެ ތެރެއިން އިއްޔެ ހަވީރު ލޮނުޒިޔާރަތްކޮޅުގައި އެ ޕާޓީން ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ފާހަގަކޮށްފަ އެވެ. އަދި ރޭވެސް މިއަދު ވެސް އެމްޑީޕީން އަންނަނީ ރާޅުގަނޑު ސަރަހައްދުގައި ލަވަޖަހައި އަދި އެހެންވެސް ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ.