19 Feb 2012, 14:45
ރާއްޖެ ޓީވީގެ ހިދުމަތްތައް ގާނޫނާ ހިލާފަށް ބައެއް ފަރާތްތަކުން މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް ދެމުންގެންދާ ނަމަ، އެހިދުމަތްތައް ދިނުމަށް ބޭނުންކުރާ ވަސިލަތްތައް ހިފައްޓަން ޖެހިދާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖެ ޓީވީ އޮޕަރޭޓްކުރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް 2008 ވަނަ އަހަރު ދޫކޮށްފައި ވަނީ ހަމައެކަނި މާލެ ސަރަހައްދަށް ކޭބަލް މެދުވެރިކޮށް ހިދުމަތް ދިނުމަށް ކަމަށާއި އެއާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލްކުރަމުން ގެންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުން ދިއުމާ ގުޅިގެން އެކަންތައް ހުއްޓާލުމަށް މީގެ ކުރިން ވެސް އެކޮމިޝަނުން ގޮވާލާފައިވާނެ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް އެހިދުމަތް ދެމުންގެންދާ ފަރާތްތަކުން އެކޮމިޝަންގެ ގޮވާލުމަށް އިޖާބަދިނުމެއް ނެތި އަދި ވެސް އެ ހިދުމަތް ދެމުން ގެންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ރާއްޖެ ޓީވީގެ ހިދުމަތް ދެމުން ގެންދާ ފަރާތްތަކުން އެ ހިދުމަތް ދެމުން ގެންދަނީ ބްރޯޑްކާސްޓްކުރުމާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ބްރޯޑްކާސްޓްކުރުމާ ބެހޭ ގާނޫނު 44 ވަނަ މާއްދާގެ (ބ) ގެ ދަށުން ގާނޫނާ ހިލާފަށް ރާއްޖެ ޓީވީގެ ހިދުމަތް ދެމުންގެންދާ ނަމަ އެ ހިދުމަތް ދިނުމަށް ބޭނުން ކުރަމުން އަންނަ ވަސީލަތްތައް ހިފެހެއްޓުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަން ޖެހިދާނެ ކަމަށެވެ.
ބްރޯޑްކާސްޓްކުރުމާ ބެހޭ ގާނޫނުގެ 44 ވަނަ މާއްދާގެ (ބ) ގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ނެތި އެއްވެސް ފަރާތަކުން އެހިދުމަތް ފޯރުކޮށްދޭ ނަމަ އެ ހިދުމަތެއް ހުއްޓާލުމަށް އެނގުމުގެ ނުވަތަ އެ ފަރާތެއް ޖޫރިމަނާކުރުން އަދި އެހިދުމަތް ދޭން ބޭނުން ކުރާ ވަސީލަތްތަކެއް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެ އެވެ.