19 Feb 2012, 14:32
މާލޭގައި މާރާމާރީތައް ހިންގުން މަދުވުމަށް ފަހު ކުއްލިއަކަށް އިއްޔެ އާއި ރޭ މާލޭގެ ހަތަރު ސަރަހައްދެއްގައި ހިންގި އެކި އެކި މާރާމާރީތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިޑެންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ ރޭ ހިނގި މާރާމާރީތަކުގެ ތެރެއިން އެއްމެ ހިތާމަވެރި އެއް ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު ފިނޭންސް މިނިސްޓްރީ ކައިރިން ޒުވާނެއްގެ ގަޔަށް ތިން ހަތަރު ތަނަށް ތޫނުއެއްޗަކުން ހަމަލާދިނުމަށް ފަހު ހަމަލާދީ ޒަހަމުކޮށްލި މީހާ މަރުވި ހަދިސާ ކަމަށެވެ.
ރޭ ފިނޭންސް މިނިސްޓްރީ ކައިރިން ހަމަލާ ދިނުމުން ލިބިފައިވާ ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ގ. ވޭރު، އަބްދުލް މުހީތު، 21 އެވެ.
އޭގެ އިތުރުން ރޭ 23:20 އެހާކަންހާ އިރު މާލޭ ހިޔާ ސަރަހައްދުން ސައިކަލެއްގެ ދިޔަ ބަޔަކު ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ އިތުރުން ރޭ ދަންވަރު 1:45ގައި ދަނާލު ކައިރީގައި 43 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމުކޮށްލި ކަމަށެވެ. އަދި އުމުރުން 17 އަހަރުގެ ކުއްޖަކަށް ވެސް ބަޔަކު ހަމަލާދިފައިވާ ކަމަށް ފުލުހުންބުނެ އެވެ.
"މިހާދިސާތައް ފުލުހުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުން މިހާރު ވެސް މިމަސަކަތް ބާރުސްޕީޑެއްގައި ކުރިއަށްގެންދަން .އަޅުގަނޑުމެންނަށް ފާހަގަކުރަން ގުރޫޕުތަކަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިކަހަލަ ހަރަކާތްތަކެއް ހިންގަމުން ދާކަން ފާހަގަކުރެވޭ،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ރަށުތެރޭގައި އިތުރަށް ބިރުވެރިކަން އުފެދުނަ ނުދިނުމަށް ޓަކައި ފުލުހުން ތައްޔާރުވެ އެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި އެގޮތުން މާރާމާރީ ހިންގާ ކަމަށް ޝައްކުކުރެވޭ ސަރަހައްދުތައް، ފުލުހުން ބެލެހެއްޓުމުގެ އިތުރުން މަގުމަތިން ޝައްކުކުރެވޭ ބައެއް މީހުން ޗެކުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.
އަހުމަދު ވިދާޅުވި ރޭ ހިނގި ހާދިސާތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންގެ އިތުރަށް ބަޔަކު ދުއްވި ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމާށާއި ކުރިއަށް އޮތްތާގައި ޝައްކުކުރެވޭ އިތުރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ.