20 Jul 2021, 19:38
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 1442 ވަނަ އަހަރުގެ އަޟްހާ އީދު ދުވަހުގެ އުފާވެރިކަން ފާހަގަކުރަން ހާއްސަ ފޮޓޯ ޗެލެންޖެއް ފަށައިފިއެވެ.
"އިީދު ކިހިނެތް؟" ގެ ނަމުގައި ފެށި މި ޗެލެންޖަކީ ބޮޑު އީދުގައި ކައިރިއާއި ދުރުގައިވާ އާއިލާއާއި ގާތްތިމާގެ މީހުންނާއެކު ހޭދަކުރާ އުފާވެރި ވަގުތުތައް ފޮޓޯގެ ޒަރިއްޔާއިން ދައްކުވައިދިނުމަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
ކޮވިޑް-19 އާ ހެދި ގިނަ ބަޔަކު އާއިލާއާ ދުރުގައި އަދިވެސް ތިބެން ޖެހިފައިވާއިރު އަނެއްބަޔަކަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ކުރިން ދުރުގައި ތިބި އާއިލާއާއެކު އީދު ފާހަގަކޮށް ހޭދަކުރުމުގެ ފުރުސަތު ލިބިފައެވެ.
މި ކެމްޕޭނުގައި ބައިވެރިވާން ޖެހެނީ EidKihineh# ބޭނުންކޮށްގެން އީދުގެ އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ފޮޓޯ ޓްވިޓާ އާއި އިންސްޓަގްރާމް މެދުވެރިކޮށް ޝެއާކޮށްގެންނެވެ.
ބީއެމްއެލްގެ ކޮބާ އީދު ކިހިނެތް ކެމްޕޭނުގެ ލަކީޑްރޯއިން ހޮވޭ ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި 2،000 ރުފިޔާގެ އީދު ހަދިޔާ ގިފްޓް ކާޑެއް ދޭން އެ ބޭންކުން ވަނީ ކަނޑައަޅާފައެވެ. ލަކީޑްރޯގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް އެއްވަނަ ދުވަހުއެވެ.
ލަކީޑްރޯއިން ޖުމްލަ ހަ ނަސީބުވެރިން ހޮވާނެއެވެ. އޭގެ ތެރޭގައި ޓްވިޓާއިން ތިން ނަސީބުވެރިން އަދި އިންސްޓަގްރާމްއިން ތިން ނަސީބުވެރިން ހޮވާނެއެވެ. ކޮންމެ ނަސީބުވެރިއަކަށްވެސް ގިފްޓް ކާޑެއް ހަދިޔާގެ ގޮތުގައި ލިބޭނެއެވެ.