ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ، ޗާންސެލަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޑރ. މުސްތަފާ ލުތުފީ ސަންއަށް ދެއްވި އިންޓަވިއުއެއްގައި ދާދި ދެންމެއަކު ވިދާޅުވީ އެމަނިކުފާނު ގައުމީ ޔުނިވާސީޓީގެ ޗާންސެލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިހާރުގެ ސަރުކާރާ މެދު އެ މަނިކުފާނު ހިތްޕުޅު ހަމަޖެހި ވަޑައި ނުގަންނަވާތީ ކަމަށެވެ.

"އަޅުގަނޑު މިހާރުގެ ސަރުކާރާ މެދު ހިންހަމައެއް ނުޖެހޭ. އަޅުގަނޑު މިއަދުގެ ވަގުތެއްގައި ޔުނިވަސިޓީގެ ޗާންސެލަރު ކަމުގެ މަގާމުން އިސްތިއުފާ ދީފިން،" ޑރ. މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް ބައެއްގެ ޕްރެޝަރެއް ކޮށްގެން ނޫން ކަމަށާއި އެ ނިންމުމަކީ އެ މަނިކުފާނުގެ އަމިއްލަ ފުޅު ނިންމުމެއް ކަމަށެވެ.

މުސްތަފާ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމުގައި ހުންނަވައި އިއްޔެރޭ އެމްޑީޕީން ބޭއްވި "އިންސާފުގެ ދަތުރުގެ" މުޒާހަރާގައި ސިޔާސީ ޕޯޑިއަމްގައި މުސްތަފާ ވާހަކަފުޅު ދެއްކެވުމާ ގުޅިގެން އެކިއެކި ފަރާތްތަކުން މުސްތަފާ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ބުނެ އަޑުތައް ދިޔައީ ފެތުރެމުންނެވެ.

އިއްޔެރޭ އެމްޑިޕީން ބޭއްވި "އިންސާފުގެ ދަތުރުގެ" މުޒާހާރާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިންނެވި ގޮނޑިން އެމަނިކުފާނު ފައިބައި ވަޑައިގަތުމަށް މުސްތަފާ ވަނީ ގޮވާލައްވައިފަ އެވެ.
މުސްތަފާ ވިދާޅުވީ ގައުމަށް މިހާރު ދިމާވެފައި ވަނީ ވަރަށް އަނިޔާވެރި ގޮތްތަކެއް ކަމަށާއި އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ފެށި މުޒާހަރާ އަށް އޭނާ ވަޑައިގެންނެވީ އެކަން ކަމަށް ކެތް ނުކުރެވިގެން ކަމަށެވެ.

އެރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމާއި ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވެވި މުސްތަފާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ "ބޮލުގައި ބަޑި ޖައްސައި" އިސްތިއުފާދޭން މަޖުބޫރިކުރުވި ކަމަށާއި ނަމަވެސް ބަޑި އެ ޖެއްސުނީ ނަޝީދުގެ ބޮލުގައި ނޫން ކަމަށެވެ. އެއީ އެންމެންގެ ބޮލުގައި ޖެއްސި ބަޑިއެއް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ނަޝީދުގެ ސަރުކާރުން ހައްޔަރު ކުރުމާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްކުން ކުރި ސިލްސިލާ މުޒާހަރާތަކަށް ފަހު، ނަޝީދު އަމިއްލަފުޅަށެވެ.