19 Feb 2012, 13:51
ކުރިން ކަސްޓަމްސްގެ އިސް މަގާމުތަކެއް އަދާ ކުރެއްވި ތިން ބޭފުޅެއްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކަކީ ކުރީގެ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް މ. ބާރަނާ، އިބްރާހިމް ޝާފިއު އާއި ކަސްޓަމްސްގެ އިސް މަގާމުތަކުގައި 2008 ވަނަ އަހަރު އުޅުއްވި މ. ރީޒަން، އަބްދުﷲ ވަހީދު އާއި ގ. ސިނަމާލެ، މުހައްމަދު އަންވަރު އަދި ހ. މާފާގާ، އިބްރާހިމް ޝިޔާމެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮކްޓޯބަރު 24، 2010ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލަ ބޭއްވުމަށް ޓަކައި މިދިޔަ މަހުގެ 22 ވަނަ ދުވަހާއި 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކުރި ނަމަވެސް ޝާފިއު ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ދެ ދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާފިއު މިހާރު ހުންނެވީ ރާއްޖެ އިން ބޭރުގަ އެވެ.
ޝާފިއު ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވުމުން މިއަދު ކުރިއަށްގެންގޮސްފައި ވަނީ ވަހީދު އާއި އަންވަރު އާއި ޝިޔާމް ގެ ޝަރީއަތެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ޝާފިއު ކޯޓަށް ހާޒިރުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކޯޓުން ކުރާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ވަހީދު އާއި އަންވަރު އަދި ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ އެތިން ބޭފުޅުން ކަސްޓަމްސްގެ އިސް މަގާމުތަކުގައި ތިބެ 2008 ވަނަ އަހަރު ސެންޓާ އެންޓަޕްރައިޒަސް އިން ގެނައި ކްރޭންއެއްގެ ޑިއުޓީ އަގު އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުޑަކޮށްދީފައިވާތީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ދައުލަތުން ދައުވާ ހުށަހެޅުމުން އަންވަރު އާއި ޝިޔާމް ވިދާޅުވީ ދައުވާއަށް އިންކާރު ކުރާކަމަށެވެ.
ޝިޔާމް އާއި އަންވަރު ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކު އައްޔަންކޮށްގެން ކަމަށެވެ.
ވަހީދު ވިދާޅުވީ އޭނާ ވެސް ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށެވެ. ދައުވާއަށް އިންކާރު ކުރާކަން އަދި ދައުވާ އަށް އިންކާރު ނުކުރާކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަންކުރުމަށް އެ ތިން ބޭފުޅުންނަށް ހަތް ދުވަހުގެ ފުރުސަތު ދިނުމަށް ފަހު އެވެ.
ކުރީގެ ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ޝާފިއުގެ މައްޗަށް މި މައްސަލައިގައި ދައުވާކުރާ އިރު އިތުރު އެހެން މައްސަލައެއްގައި ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ.