އީދުގެ އުފާ ފާޅުކުރާއިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ރައްޔިތުންނަށް އީދުގެ ތަހުނިޔާ ވިދާޅުވެ އާންމުކުރެއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ އީދު ފާހަގަކުރާއިރު މިއަދު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމުގެ އެއްބައިވަންތަކަން އާލާކޮށް ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ކަމަށެވެ.

"އެއްވެސް ޝައްކެއްނެތްގޮތުގައި އެ ގުޅުމަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގުޅުން. އީދުގެ އުފާ ފާޅުކުރުމުގެ ކޮންމެ ހަރަކާތެއްމެ ރަމްޒުކޮށްދެނީ މިދެންނެވި މަތިވެރި ގުޅުން. އީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ، މިދެންނެވި ގުޅުމަށް އަންނަ ހީނަރުކަން ނައްތާލައި، އެ ގުޅުންތައް އަލުން ބަދަހިކުރުމަށް," ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮވިޑާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަހްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިއަދު ކުރިމަތިލާންޖެހިފައި ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަނެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރެވިގެންކަމަށެވެ.

ހަމައެއާއެކު ހައްޖުގެ މަތިވެރި އަޅުކަމާއި އަޟްހާ އީދުގެ އުފާވެރިކަމާ ދެމެދުގައިވާ ވަރުގަދަ ގުޅުމުން ޢިބްރަތް ހާސިލްކުރުމަށްވެސް ރައީސްގެ ހިތޯބުގައިވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ގައުމައިގެން ކުރިއަށް ދިޔުމަށްޓަކައި،ހުރިހާ ރައްޔިތުން އެއް އަޒުމެއްގައި މަސައްކަތް ފެށުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.