ގައުމީ އިންޝުއަރެންސް ސްކީމް "މަދަނަ" މިއަހަރުން ފެށިގެން ހުއްޓާލުމާއި އެސްކީމުން ދީފައި ހުރި އެކި ހިދުމަތްތަކަށް ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ ކަމަށް އަބަދު ވެސް އަޑުފެތުރެ އެވެ. މަދަނަ ކުއްލި އަކަށް ހުއްޓާލައި ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭ "އާސަންދަ" ތައާރަފްކުރުމަކީ ސިއްހީ ހިދުމަތްދޭ އަމިއްލަ ފާމަސީތަކަށް މާކަ ގަޔާވާ ކަމަކަށްނުވެ އެވެ. އެމީހުންގެ ޝަކުވާއަކީ މަދަނަ އިން ލިބެން ޖެހޭ ގިނަ ފައިސާތަކެއް އަދިވެސް ލިބިފައިނެތުމެވެ. އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި ފާމަސީ ހިންގާ "އަބުހަރީ" ބޭސްފިހާރަތަކުގެ އޯނަރު އަބްދުﷲ ޒުހައިރަކީ މަދަނައިގެ ފައިސާ ނުލިބި ބަގްރޫޓްވުމާ ގާތްވެފައިވާ ވިޔަފާރިވެރިއެކެވެ.

"މި ހުޅުވައިގެން މިއުޅުނު މަދަނައިގެ ދަށުން އަޅުގަނޑުމެންގެ ބޭސްފިހާރަތަކުން މިދިޔަ އަހަރުގެ ނިޔަލަށް، ޑިސެމްބަރު 31 ނިޔަލަށް ވަރަށް ގިނަ އަދަދަކަށް ބޭހާއި ތަކެތި ވަނީ ދޫކުރެވިފައި. އެހެންނަމަވެސް އެ ތަންތަނުން ލިބެން ޖެހޭ ލާރި ނުލިބި ވަރަށް ގިނަ ދުވަސްތަކެއް ވަމުން ގޮސް އެ ފައިސާ ނުލިބިގެން ފާމަސީ ބަންދުކުރާ ހިސާބުގައި މިއުޅެނީ. އެ ވިޔަފާރި ހުއްޓާލަން މި ވިސްނަނީ،" ސިއްހީ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް ވެސް ލިބިވަޑައިގެންފައިވާ ޒުހައިރު ސަން އޮންލައިން އަށް ވިދާޅުވި އެވެ.

މާލެ އާއި އައްޑޫގައި ހަތަރު ފާމަސީ އާއި "އަބްހަރީ މެޑިކަލްސް"ގެ ނަމުގައި ދެ ކްލިނިކެއް ވެސް ހިންގަވާ ޒުހައިރު ވިދާޅުވީ މަދަނައިގެ ދަށުން ތިން މިލިއަނަށް ވުރެ ގިނަ ފައިސާ ނުލިބިވާ ކަމަށާއި އެފައިސާ ހޯދުމަށް އެކި ފަހަރުމަތިން ބިލްތަކާއި ކޮޕީތައް ކަމާ ގުޅޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

"މިކަމާ ހުރެ [ފައިސާ ނުލިބިގެން] އަޅުގަނޑަށް މިހާރު ސަޕްލައި ވެސް ނުކުރެވޭ ބޭސް އެންމެ ރަނގަޅަށް. އަޅުގަނޑު އަދިވެސް މިބަލަނީ އެ ފައިސާ ލިބިގެން އަދިވެސް ކުރިއަށް ދެވޭތޯ. އެކަމަކު ބައެއް ކްލިނިކްތައް އަޅުގަނޑު ހުއްޓާލާނަން. އެއީ މާލޭގައި ހިންގާ އަބްހަރީ މެޑިކަލްސް ހުއްޓާލަން ނިންމާފައިވަނީ،" ޒުހައިރު ވިދާޅުވި އެވެ.

http://www.sun.mv/uploads/live_1544953.jpg
ސިއްހީ ހިދުމަތުގައި އެތައް އަހަރުތަކެއް ހޭދަކުރައްވާފައިވާ ޒުހައިރުގެ ސިއްހީ ދާއިރާގެ ވިޔަފާރިއަށް "މަދަނައި"ން ފަރުވާއެއް ހޯދައި ނުދެވުނު އިރު "އާސަންދައިގެ" ހިދުމަތް އޭނާގެ ބޭސްފިހާރަތަކުން ދިނުމަށް ބޭނުމެއް ނުވެ އެވެ.
"އަޅުގަނޑަށް އެނގޭ އެއީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއްކަން. އެކަމަކު ކުރިން ވެސް އެ ބިލްތަކަށް [މަދަނައިގެ ބިލްތަކަށް] ފައިސާ ނުދެވި ވަންޏާމުން މިފަހަރު ވެސް ފައިސާ ލިބޭނެކަމުގެ ގެރެންޓީއެއް ނެތް. އެގޮތަށް ފައިސާ ލިބޭނެ ކަމަށް ހިދުމަތް އެގޮތަށް ދެވޭކަށް ނެތް،" ޒުހައިރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ވެސް މަދަނައިން ސަރުކާރުގެ މާލިއްޔަތަށް ލިބެން ޖެހޭ ގިނަ ފައިސާތަކެއް ނުލިބިވާ ކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައި އެ ފައިސާ ދައުލަތަށް ހޯދުމަށް އަންގައިފަ އެވެ. އަދި މަދަނައިގެ ބިލްތައް ރަނގަޅަށް ބެލެހެއްޓިފައިނެތްކަން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

މަދަނަ ހުއްޓާލި އިރު އެ ސުކީމްގެ ފައިސާ އަށް ވީކިހިނެތް ކަމާ މެދު ސިޔާސީވެރިންވެސް ޕޯޑިއަމްތަކުގައި މީގެ ކުރިން ވަނީ ސުވާލުތަކެއް އުފައްދަވާފައިވެ އެވެ. ނަމަވެސް އެ ސުވާލުތަކަށް މިއަދު ޖަވާބުދޭނޭ މީހަކު ނެތެވެ.