ފަނޑިޔާރުން ރިޓާކުރުމުގައި އިސްކަންދޭނެ އުސޫލެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފި އެވެ.
އެކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ ފަނޑިޔާރުން ރިޓަޔާކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަލަށް އަމަލް ކުރުމަށް ކަނޑައެޅި އުސޫލުގެ މަތިން ފަނޑިޔާރުން ރިޓަޔާކޮށްދިނުމުގައި، ވަކިވަކި ކަންތައްތަކަށް އިސްކަންދޭނެ ކަމަށެވެ. އެގޮތުން ވަޒީފާ އިން ވަކިވުމަށް އެދި ހުށަހަޅާ ފަނޑިޔާރުން އުމުރުން ދުވަސްވުމާއި ބަލިހާލަތު ހުރި ގޮތަށާއި ކޯޓުތަކުގައި މަސައްކަތް ނުކުރެވޭ ކަމަށް އެކޯޓަކުން ލިޔުމެއް ލިބިފައިވޭތޯ ބަލާނެ އެވެ.

ޒަހީން ވިދާޅުވީ ފަނޑިޔާރަކު ބަލިހާލު ހުރި ގޮތުން ރިޓަޔާކުރުމަށް އެދި ހުށަހަޅާ ނަމަ އެފަނޑިޔާރެއް ރިޓާޔާކޮށް ދިނުމުގައި އެކަމަށް އެދި ހުށަހަޅާ ޑޮކްޓަރުގެ ލިޔުންތަކާއި އަދި ވެސް އެފަދަ ބައެއް ތަކެއްޗަށް ބަލާނެ ކަމަށެވެ.
ފަނޑިޔާރުން ރިޓާޔާކުރުމުގައި ކޮމިޝަނުން އަމަލު ކުރާނެ އޫސޫލެއް ކަނޑައެޅީ ފަނޑިޔާރުކަމުން ރިޓާޔާ ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަރަށް ގިނަ ބަޔަކު ރިޓާޔާކުރުމަށް ހުށަހަޅާފައިވާ އިރު އެ ހުރިހާ އެންމެން އެކީ ރިޓަޔާކޮށްދީގެން ކޯޓްތައް ހިންގުމުގައި ދަތިތަކެއް ކުރިމަތިވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޝަރުއީ ދާއިރާގައި މީހުންނަށް އަދުލު އިންސާފު ހޯދައިދިނުން އެއީ އެންމެ މުހިންމު ކަންތައް. އެހެންވެ އެގަވާއިދުގެ ދަށުން މީހުން ރިޓަޔާކުރާ އިރު އަތޮޅެއް އެކީގައި ހުސްކުރެވޭކަށް ވެސް ނޯންނާނެ. އެހެންމެ އުސޫލެއް މިކަނޑައެޅީ." ޒަހީން ވިދާޅުވި އެވެ.

ފަނޑިޔާރުން ރިޓަޔާކުރުމާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ އަހަރު ހަތަރު ފަނޑިޔާރަކު ވަކިކޮށްފައިވާ އިރު މިހާތަނަށް 35 ފަނޑިޔާރަކު މަގާމުން ރިޓާޔާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ. އަދި އަންނަ މަހު ވެސް ފަނޑިޔާރުންތަކެއް ރިޓާޔާ ކުރާނެ އެވެ.

"އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުނަށާއި، 55 އަހަރު ނުވި ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން މުސްކުޅި ކުރުމުގައި އަމަލުކުރާނެ ގަވާއިދު." އަށް ޖޭއެސްސީން އަމަލް ކުރަން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.