19 Jul 2021, 12:04
ލަންޑަން (ޖުލައި 19): އިނގިރޭސިވިލާތުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް މީގެ ކުރިން އަޅާފައި އޮތް ގިނަ ފިޔަވަޅުތައް ރޭ އުވާލައިފި އެވެ.
އިނގިރޭސިވިލާތުން އުވާލި ކޮވިޑް ފިޔަވަޅުތަކުގެ ތެރޭގައި މާސްކު އެޅުމާއި ގައިދުރު ކުރުމަށް އަންގާ ގަވާއިދުތައް ހިމެނެ އެވެ. އަދި އެގައުމުގެ ނައިޓްކްލަބްތައް ހުޅުވާ، ސިނަމާތަކާއި ރެސްޓޯރެންޓުތައް ފަދަ ތަންތަނަށް އެއްވެ އުޅޭ މީހުންގެ އަދަދު މަދު ކުރަން އަންގާފައިވާ ގަވާއިދުތައްވެސް ވަނީ ބާތިލުކޮށްފަ އެވެ.
އިނގިރޭސިވިލާތުން އެ ފިޔަވަޅުތައް ލުއި ކުރި ނަމަވެސް މީހުން ގިނަ ތަންތަނުގައި މާސްކު އަޅައިގެން ތިބުމަށް ސަރުކާރުން ވަނީ ލަފާ ދީފަ އެވެ. އަދި ކޮވިޑް ޖެހިފައިވާ މީހަކާ ބައްދަލުވެއްޖެނަމަ އަމިއްލައަށް އެކަހެރިވުމަށް ވެސް ވަނީ އަންގާފަ އެވެ. ނަމަވެސް އެ ގަވާއިދަށްވެސް އަންނަ މަހުގެ 16 ގައި ލުއި ދޭނެ އެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހަކު، ކޮވިޑް ޖެހިފައިވާ މީހަކާ ބައްދަލުވި ނަމަވެސް އެކަހެރިވާން ނުޖެހޭނެ އެވެ. އެފަދަ މީހަކު އެކަހެރިވާން ޖެހޭނީ ބަލީގެ އަލާމާތްތައް ފެނުމުން ނުވަތަ ޓެސްޓު ޕޮޒިޓިވް ވުމުންނެވެ.
މީގެ އިތުރުން، ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން އިނގިރޭސިވިލާތުން 'ރެޑް ލިސްޓު'ކޮށްފައިވާ ގައުމުތައް ފިޔަވާ އެހެން ގައުމުތަކުން ދާ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ދެން 10 ދުވަހަށް ކަރަންޓީނު ވާން ނުޖެހޭނެ އެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާކަން ބަލައިގަންނާނީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހާފައިވާ ނަމަ އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް ކޭސްތައް އިތުރު ވަމުންދާ ދަނޑިވަޅެއްގައި ފިޔަވަޅުތައް ލުއި ކުރުމުން ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރަށް ވުރެ ނުރައްކާ ވޭރިއެންޓުތައް އުފެދި، ގައުމުގެ ސިއްހީ ނުޒާމު ބޮއްސުންލާ ވަރަށް ކޭސްތައް އިތުރުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ އާބާދީގެ ގިނަ ބަޔަކަށް ވެކްސިން ޖަހާފައި ވުމުން ކޮވިޑުގައި ހާލު ސީރިއަސްވާ މީހުންގެ އަދަދު މަދުވާނެ ކަމަށް ބުނެފަ އެވެ.
އިނގިރޭސިވިލާތުގެ އާބާދީގެ 18 އަހަރުން މަތީގެ 87 ޕަސެންޓު މީހުންނަށް މިހާރު ކޮވިޑް ވެކްސިން ޖަހާފައިވާ އިރު އޭގެ ތެރެއިން 68 ޕަސެންޓު މީހުން ވަނީ ދެ ޑޯޒް ޖަހާފަ އެވެ.