ފަތުރުވެރިން އައުމަށް ރާއްޖޭގެ ރިޒޯޓްތައް އޮތީ ސަލާމަތީ ގޮތުން ރަނގަޅަށް ކަމަށާއި ރިޒޯޓްތަކަށް ނުދާ ވަރުގެ މައްސަލަތަކެއް ރާއްޖޭގައި ނެތް ކަމަށް އިނގިރޭސިވިލާތުގެ ދަ ޑެއިލީ ޓެލެގްރާފް ނޫހުން މިއަދު ބުނެފި އެވެ.

"ނޯ ކްރައިސިސް އިން ދަ މޯލްޑިވްސް" މި ސުރުހީގެ ދަށުން ޑެއިލީ ޓެލެގްރާފްގެ ރިޗާޑް އެލިސް މިއަދު ލިޔެފައިވާ ލިއުމުގައި ބުނެފައި ވަނީ ރާއްޖޭގެ ވެރިރަށް މާލޭގައި ނުތަނަވަސްކަން އުފެދުނު ނަމަވެސް ރާއްޖެ އަކީ ވަކިވަކިން އޮންނަ 1200 ރަށް ކަމަށް ވާތީ އެކަންތައްތަކުން ސަލާމަތްވެ ތިބުމުގެ ހުރިހާ ފުރުސަތެއް އެބަ އޮތް ކަމަށެވެ.
ނޫހުގެ އެ ލިއުމުގައި ދެން ލިޔެފައި ވަނީ ދާދިފަހުން ލ. އަތޮޅުގައި ހުޅުވި ރިޒޯޓެއް ކަމަށްވާ "ސިކްސް ސެންސަސް ލާމު"ގައި ލިބެން ހުރި ހިތްގައިމު ހިދުމަތްތަކުގެ ވާހަކަ އާއި ރާއްޖޭގެ ގޮނޑުދޮށްތަކާއި މޫދުގެ ހިތްގައިމު މަންޒަރުތަކުގެ ވާހަކަ އެވެ.

އެގޮތުން ސިކްސް ސެންސަސް ލާމުގައިވާ މޫދު ކޮޓަރިތަކަކީ ހުވަފެނުން ނޫނީ ނުފެންނަ ފަދަ ހިތްގައިމު ދިރިއުޅުމެއް ލިބިދޭނެ ތަންތަން ކަމަށް ސިފަކޮށްފައިވާ އިރު ރާއްޖޭގެ ގޮނޑުދޮށްތަކުގެ ވެލި ސިފަކޮށްފައި ވަނީ ހުދު، ހިމުން ހަކުރު ފަދަ އެއްޗެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަރަށް ބޮޑަށް އަމާޒުކޮށްފައިވާ ތަން ފެންނަ އެ ލިއުން ޑެއިލީ ޓެލެގްރާފްގައި ޖަހާފައި މިވަނީ ރާއްޖޭގެ ޓޫރިޒަމް ހަލާކުކުރުމަށް ބޭރުގެ މީޑިޔާތަކުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައި، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަހަމަދު އަދީބު، އިންޑިޔާގެ ބިޒްނަސް ސްޓޭންޑާޑްއަށް އިންޓަވިއުއެއް ދެއްވާފައި ވަނިކޮށެވެ.
އަދީބު ވިދާޅުވި ކަމަށް ބިޒްނަސް ސްޓޭންޑާޑްގައި ވަނީ "ހާލަތު އޮތީ ކޮންޓްރޯލް ވެފައި ކަމަށާއި އެހެން ނަމަވެސް މާ ކަންބޮޑުކޮށްލާފައިވާ ރިޕޯޓްތަކާއި ދޮގު މައުލޫމާތުތައް ބައިނަލް އަގުވާމީ މީޑިޔާތަކުގައި ފަތުރަމުންދާ " ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެ އަށް އެންމެ ގިނަ ފައިސާ ލިބޭ އިންޑަސްޓްރީއަށް ގެއްލުން ވަމުން ދާ ކަމަށް ވެސް އަދީބުއާ ހަވާލާދީ އެނޫހުގައިވެ އެވެ.