19 Jul 2021, 11:12
އަރަފާތު ބިން (ޖުލައި 19): މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާގެ ބިމަށް ޖަމާވާން ފަށައިފިއެވެ.
ސައުދީގެ ސަރުކާރު ބުނާގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ގާތްގަނޑަކަށް 60 ހާސް މީހުންނެވެ. އެމީހުންވަނީ ރޭ މިނާގައި ތިބުމަށްފަހު ފަތިސްނަމާދުކޮށްގެން ބަސްތަކުގައާއި ކާރުތަކުގައި އަރަފާތުގެ ބިމަށް ޖަމާވާންވަނީ ފަށާފައެވެ. މިއަހަރުގެ ހައްޖުގައި ބައިވެރިވަނީ މަދުއަދަދެއްގެ ބަޔަކު ކަމަށްވާތީ ހުރިހާ ހައްޖުވެރިން ފަތިހާއި ހެނދުނުގެ ވަގުތުގައި އަރަފާތުގެ ބިމަށް ޖަމާވެ ނިމޭނެކަމަށް ސައުދީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

މިނާގައި ހައްޖުވެރިން ތިބޭ ފޭލިގެތައް
އަރަފާތު ދުވަހަކީ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރާ ދުވަހެވެ. ހައްޖު ދުވަހުގައި (އަރަފާތުގެ ދުވަހުގައި) އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ހައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރުކުނެވެ. އަރަފާތު ދުވަހުގެ އަރަފާތު ބިމުގައި ނުތިބެ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.
އަރަފާތު ބިމުގައި ތިބުމުގެ ކުރިން ހައްޖުވެރިން އިއްޔެ ވަނީ މިނާގައި ތަރްވިޔާގެ ދުވަސް ފާހަގަކޮށްފަ އެވެ. ތަރްވިޔާގެ ދުވަހަކީ ހައްޖުވެރިން މައްކާއިން މިނާއަށް އަންނަ ދުވަހެވެ. ތަރްވިޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހައްޖުވެރިން ހައްޖު މަހުގެ އަށް ވަނަ ދުވަސްކަމަށްވާ އިއްޔެ ވަނީ މައްކާއިން މިނާގެ އަށް ގޮސް އެތަނުގައިވާ ފޭލިގެތަކުގައި މަޑުކޮށްލާފައެވެ. ތަރްވިޔާގެ ދުވަހު ހައްޖުވެރިން މައްކާއިން މިނާއަށް ގޮސް މިނާގައި ތިބެނީ ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އެގޮތަށް ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.
މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވަނީ ގާތްގަނޑަކަށް 60،000 ހައްޖުވެރިންނެވެ. އެއީ ހައްޖުގެ އަޅުކަން އަދާކުރުމަށް ގިނަބަޔަކަށް ފުރުސަތު ދީފިނަމަ ކޮވިޑް ފެތުރި އެތަށް ބަޔަކު މަރުވެދާނެކަމުގެ ބިރަށެވެ. ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ހައްޖު މޫސުމުގައި އަބަދުވެސް އެންމެ އިސްކަންދޭ ކަންތައްކަމަށް ސައުދީމަސްއޫލުވެރިން ވިދާޅުވެއެވެ.
މިއީ ކޮވިޑްގެ ވަބާ ދުނިޔޭގައި ފެތުރެން ފެށުނުފަހުން އައި ދެވަނަ ހައްޖެވެ. ކޮވިޑްގެ ވަބާގެ ތެރޭގައި އައި ފުރަތަމަ ހައްޖުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 10،000 މީހުންނެވެ. މދިޔަ އަހަރުގެ ހައްޖު މޫސުމުގައިވެސް ކޮވިޑުން ރައްކާތެރިވުމަށް ސިއްހަތާބެހޭ ފިޔަވަޅުތައް އެޅިގޮތަށް މިއަހަރުގައިވެސް ހައްޖުގެ މަޝްޢަރުތަކުގައިވަނީ ސިއްހީ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން ހައްޖުވެރިން މިނާގައި ތިބޭ ފޭލިގެތަކާއި އަރަފާތުގައި ތިބޭ ފޭލިގެތައްވެސް ވަނީ ސްޓެރިލައިޒް ކޮށްފައެވެ. އަދި އަރަފާތުގައި ހުންނަ މަސްޖިދުއްނަމިރާ ވެސް ވަނީ ސްޓެރިލައިޒް ކޮށްފަ އެވެ.

އަރަފާތު ބިމުގައި ހުންނަ އެންމެ މުހިއްމު މައުލަމު ކަމަށްވާ ޖަބަލުއްރަހްމާ (އަރަފާތު ފަރުބަދަ) (ފައިލް ފޮޓޯ)
އަރަފާތު ބިމުގައި ހުންނަ އެންމެ މުހިއްމު އިސްލާމީ މައުލަމަކީ އަރަފާތު ފަރުބަދަ ނުވަތަ ޖަބަލް އައްރަޙްމާ އެވެ. އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާއަކީ މީގެ 14 ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި ކީރިތިރަސޫލާ ހައްޖު ޚުތްބާ ދެއްވިތަނެވެ. އެކަލޭގެފާނު ހައްޖު ޚުތްބާ ދެއްވީ ޖަބަލުއްރަޙްމާގެ ތިރީގައި ހުންނަވައިގެންނެވެ.
އިސްލާމް ދީނުގެ މާތްވެގެންވާ ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ކަމަށްވާ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] މިއާޔަތް މާތްﷲ ބާއްވާލެއްވީ ހައްޖަތުލްވަދާއުގައި ކީރިތި ރަސޫލުﷲ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ އަރަފާތު ބިމުގައި ހުންނަ ބޮޑު މިސްކިތެއް ކަމަށްވާ މަސްޖިދުއްނަމިރާގައެވެ. ޚުތުބާ އިއްވަނީ ހައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހުގައެވެ.

މަސްޖިދުއްނަމިރާ (ފައިލް ފޮޓޯ)
މި އަހަރުގެ ހައްޖު މޫސުމުގައި ކޮވިޑް-19 ވަބާއާ ފެތުރިދާނެކަމުގެ ބިރަށް ސައުދީސަރުކާރުންވަނީ ހައްޖުގެ އަޅުކަން އަދާކުރާއިރު ގެފުޅާއި ހަޖަރުލްއަސްވަދުގައި އަތްލުމާއި ހައްޖުވެރިން އެއްތަނަކަށް އެއްވެ ގާތްގާތުގައި ތިބެގެން ވާހަކަ ދެއްކުމާއި އަރަފާތާއި މިނާ އަދި މުޒްދަލިފާގައި ބައްދަލުވުންތައް ބޭއްވުންފަދަ ކަންކަން މަނާކޮށްފަ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ހައްޖުގައިވެސް ޖަމްރާތަކަށް އުކާހިލަ ހުންނާނީ ސްޓެރިލައިޒްކޮށް ޕެކެޓްކޮށްފައެވެ. ސްޓެރިލައިޒްކޮށްފައިވާ ހިލައިގެ ޕެކެޓްތައް މުޒްދަލިފާގައި ރޭކުރާއިރު ހައްޖުވެރިންނަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފަ އެވެ. ހައްޖުވެރިން ހައްޖުގެ މަޝްޢަރުތަކުގައި ތިބޭއިރު މިއަހަރު ދިނުމަށް ހަމަޖެހިފައި ވަނީ ކުރިން ތައްޔާރުކޮށްފައިވާ ތައްޔާރީ ކާނާގެ ޕާރުސަލްތަކެވެ. އެއީ ސިއްޙީ ގޮތުން ރައްކާތެރި ގޮތުގައި ތައްޔާރުކޮށްފައިވާ ކާނާކަމަށް ސައުދީކަމާބެހޭ ފަރާތްތަކުންވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
މިނާއާއި އަރަފާތުގެ ބިމާ އަދި މުޒްދަލިފާ އަދި ޖަމްރާތައްފަދަ ހައްޖުގެ މަޝްއަރުތަކަށް ހައްޖުވެރިން ގެންދިޔުމާއި ގެނައުމުގެ ދަތުރުތަކުގައި ބޭނުންކުރާ ބަސްތައްވެސްވަނީ ސްޓެރިލައިޒް ނުވަތަ ޑިސްއިންފެކްޓް ކޮށްފަ އެވެ. ހައްޖުގެ މަޝްއަރުތަކުގައި ހައްޖުވެރިން ތިބޭ ވަގުތުތަކުގައި ހައްޖުވެރިންގެ މެދުގައި ގައިދުރުކަން ބެހެއްޓުންވަނީ ލާޒިމް ކޮށްފައެވެ. އަދި މާސްކް އެޅުންވެސްވަނީ ލާޒިމުކޮށްފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ހައްޖުގެ އަޅުކަމުގައިވެސް ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ސައުދީދިރިއުޅޭ މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ ސައޫދީގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މުސްލިމުންނާއި ސައުދީރައްޔިތުންނެވެ.