18 Jul 2021, 22:14
ރާއްޖޭގައި އެޑްމިޓްކޮށްގެން ކޮވިޑް-19 އަށް ފަރުވާދެމުންދާ މީހުންގެ އަދަދު 12 އަށް ވެއްޓިއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި ބައްޔަށް ފަރުވާދެމުންދާ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 2،425 ގައެވެ. އެއީ މިއަދު އަލަށް ބައްޔަށް ޕޮޒިޓިވްވި 63 މީހުން ހިމަނައިގެންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ އެންމެ 13 މީހުންނެވެ. އަދި އަތޮޅުތެރޭ އެހެން ރަށްރަށުން 28 މީހަކު ޕޮޒިޓިވްވިއެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 22 ގަ އެވެ.
މިއަދު 63 ކޭސް އަލަށް ފެނުނުއިރު، އެ ކޭސްތަކަކީ ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި 5،327 ސާމްޕަލްއިން ޕޮޒިޓިވްވި ކޭސްތަކެކެވެ. ބަލީގައި މިހާތަނަށް ރާއްޖެއިން 216 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗް މަސްތެރޭގައެވެ. މިއަދުގެ ކޭސްތަކާ ލައިގެން ރާއްޖެއިން މިހާތަނަށް ޖުމްލަ 75،879 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު އިތުރު 154 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 73،226 އަށް އަރައިފައެވެ.