19 Feb 2012, 12:02
ގައިން ގަޔަށް ނާރާ ބަލިބަލި ރާއްޖޭގައި އިތުރު ވަމުން ދާ މިންވަރަށް ބަލާ އިރު، މިބަލިތަކުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަގުގައި ވަރަށްބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތި ވާނޭ ކަން މިހާތަނަށް ރާއްޖޭގައި ކުރެވިފައިވާ ދިރާސާ ތަކުން ދައްކައެވެ. ދުނިޔޭގެ ކުރިއަރާފައިވާ، އަދި ކުރިއަރަމުންދާ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގަވެސް ހިތުގެބައްޔާއި ހަކުރުބަލި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރުގެބަލިތަށް އިތުރުވަމުންދާ މިންވަރުން، މުޙިންމު ފިޔަވަޅުތަކެއް މިޔަދު ނޭޅިއްޖެނަމަ، މާދަމާ ރާއްޖޭގެ ހުރިހާ ޢާއިލާ ތަކަކަށްވެސް ފޫނުބެއްދޭނޭ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތި ލާން ޖެހުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެހެނީ މިއިން ބައްޔެއް ޖެހިއްޖެނަމަ، އާއިލާތަކުން ކުރަންޖެހޭ ޚަރަދު އެތައްގުނައެއް އިތުރުވެގެން ދާތީއެވެ. އަދި ގިނަފަހަރަށް ބަލިޖެހޭ ފަރާތަކީ، ޢާއިލާ އަށް އާމްދަނީ ހޯދުމަށް އިސްކޮށް މަސައްކަތް ކުރާ ފަރާތެއް ކަމުން، އެދޮރު ވެސްބަންދު ވެގެން ދާތީއެވެ.
ގައިންގަޔަށްނާރާ ބަލިބަލިން މީހުން މަރުވާ އަދަދު މިހާރުވަނީ އެހެން ހުރިހާ ބަލިތަކުން މީހުން މަރުވާ ވަރަށް ވުރެ އިތުރު ވެފައެވެ.ދިވެހި ރާއްޖޭގެ ތަފާސް ހިސާބަށް ބަލައިލާއިރު 2005 އިން 2008
އަށް ރާއްޖޭގެ މަރުވި މީހުންގެ %81 މަރުވެފައި ވަނީ ގައިންގަޔަށް ނާރާ ބަލިބަލިން ނެވެ. ގައިންގަޔަށް ނާރާ ބަލިބަލިން މަރުވާމީހުންގެ ތެރެއިން މިބަލިތަކުގެ ޝިކާރަ އަކަށް ގިނައިން ވަނީ ފިރިހެނުން ކަންވެސް ފާހަގަ ކުރެވެއެވެ. މީގެއަހަރުތަކެއްކުރިން ގައިންގަޔަށް ނާރާބަލިބަލި ގިނައިން ޖެހެމުންއައީ އަތްމަތިތަނަވަސް މީހުންނަށް ކަމުގައިވިޔަސް މިހާރު މިބަލިތަކަކީ މުއްސަދިންނާއި އެއްވަރަށް ފަޤީރުން ނަށް ވެސް ޖެހޭބަލިތަކެއްކަން ފާހަގަކުރެވިފައިވެއެވެ.
ދުނިޔޭގެ އެހެން ޤައުމު ތަކެކޭ އެއްފަދައިން ގައިންގަޔަށް ނާރާ ބަލިބަލި ޖެހެން ދިމާވާ ސަބަބުތައް މިހާރު ރާއްޖޭގައިވެސް އާއްމުވެ ވެށީގެ ބައެއް ކަމުގައިވެ ވަނީ ލާމެހިފައެވެ. އެއީ ދުންފަތުގެ އިސްތިޢުމާލު ކުރުން ޢާއްމު ވުމާއި،ކެއުމުގެ އާދަކާދައަށް ގެނެވުނު ނުރަނގަޅު ބަދަލުތަކާއި، ކަސްރަތު ލިބޭފަދަ މަސައްކަތް ތައް ކުރުން މަދުވުމުގެ ސަބަބުން ހަށިގަނޑުފަލަވުމެވެ. މީގެ ސަބަބުން މިކުޑަކުޑަ ރާއްޖޭގެ އާބާދީ ގައިވެސް ލޭމައްޗަށް ދިޔުމާއި، ހަށިގަޑުގައި ކޮލެސްޓްރޯލް މަތިވުމާއި، ހަކުރު ބައްޔާއި، ހިތުގެ ބަލިޖެހުމުގެ ފުރުސަތު މިހާރު ހައިރާން ވާހާ ގިނަވެއްޖެއެވެ. ސްރެޕްސް ސަރވޭ ގެ ނަމުގައި 2004 ވަނަ އަހަރު މާލޭގައި ކުރެވުނު ދިރާސާ އަކުން ރާއްޖޭގައި މިކަމުގެ ޙާލަތު ވަރަށް ރަގަޅަށް ހާމަ ވެއެވެ.މި ދިރާސާ ގެ އަލީގައި ރާއްޖޭގައި ގައިންގަޔަށް އަރާބަލިބަލި ޖެހުމުގެފުރުސަތު ބޮޑުކަމާއި އަދި އަޅުގަނޑުމެންގެ ތެރޭގައި ކުރިމަގުގައި ބަލިޖެހިފައިވާފަރާތްތަށް އިތުރުވަމުން ދާނެކަމުގެ ހެކިތައް ހާމަކުރެވޭތޯ ބަލާނަމެވެ.
ސްރެޕްސް ސަރވޭ އިން ދައްކާ ގޮތުން މާލޭގެ އާބާދީ ގެ 37.6 އިންސައްތަ ފިރިހެނުން އަދި 9.6އިންސައްތަ އަންހެނުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި މީގެ ތެރެއިން ގިނަ ފަރާތްތަކަކީ ކޮންމެދުވަހަކުވެސް ދުންފަތުގެ އިސްތިޢުމާލު ކުރާފަރާތް ތަކެވެ. ދެކުނުއިރުމަތީ ހުރިހާރަށްތަކަށް ބަލާއިރުވެސް ދުންފަތުގެ ވަބާގައި ރާއްޖޭގެ އާބާދީ ޖެހިފައިވާ މިންވަރު މަތިކަން ފާހަގަ ކޮށްލެވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ބޮޑެތި މީހުންގެ އާބާދީގެ 45އިންސައްތަ ފިރިހެނުން އަދި 11އިންސައްތަ އަންހެނުން ދުންފަތުގެ އިސްތިމާލު ކުރެއެވެ. ގައިންގަޔަށް ނާރާ ބަލިބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުޙިއްމުއެއް ކަމަކީ ދުންފަތާއި ދުރުވުމެވެ.
ހިތާއި ލޭނާރުތަކުގެ ބަލިތައް ޖެހުމުގެ ސަބަބު ތަކުގެ ތެރޭގައި ލޭމައްޗަށް ދިޔުމާއި، ކޮލެސްޓްރޯލް މަތިވުމާއި ހަށިގަޑު ފަލަވުން ހިމެނެއެވެ. ކޮލެސްޓްރޯލް މަތިވުމުން ހިތްހުއްޓުމާއި، އެއްފަޅި ވާގިނެތުމާއި، އަދި ލޭނާރުތަކުގެ ބަލިބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ކޮލެސްޓްރޯލް މަތިވުމަކީ މިހާރު ތަރައްޤީ ވެފައިވާ މުއްސަނދި ގިނަ ޤައުމުތަކުގެ ސަރުކާރާއި ރައްޔަތުން ގެ މަސައްކަތުން ކޮންޓްރޯލް ކުރެވިފައިވާ ކަމެއްކަމުގައިވީނަމަވެސް، ރާއްޖެފަދަ ތަރައްޤީ ވަމުން އަންނަ ޤައުމު ތަކުގައި، ކޮލެސްޓްރޯލް މަތިވުމަކީ އާބާދީ ގައި އިތުރުވަމުން އަންނަ މައްސަލައެކެވެ. 2004 ވަނައަހަރު މާލޭގައި ކުރެވުނު ސްޓެޕްސް ސާރވޭ ދައްކާގޮތުން މާލޭގެ ބޮޑެތިމީހުންގެއާބާދީގެ 28އިންސައްތަ މީހުންނަށް ބޭސްކުރަންޖެހޭވަރަށް ކޮލެސްޓްރޯލް މަތިވެފައިވެއެވެ.
ހަށިގަނޑު ފަލަވުމަކީ ނުރަނގަޅު އެތަކެއް ސިއްޙީ މައްސަލަތަކެއް ހަށިގަނޑަށް ދިމާވާ ކަމެކެވެ. މީގެތެރޭގައި ލޭމައްޗަށްދިޔުމާއި، ކޮލެސްޓްރޯލް މަތިވުމާއި، ހަކުރުބައްޔާއި ހިތުގެބަލި އަދި ބައެއް ކެންސަރުޖެހުމުގެ ފުރުސަތު އިތުރުވެއެވެ. މީގެ އިތުރުން ހަށިގަނޑު ފަލަވުމުން ހެލިފެލިވެއުޅުން އުނދަގޫވުމުންނާއި، ހުޅުގެމައްސަލަތައް ދިމާވުމުން ދިރިއުޅެން މަސައްކަތް ކުރުމުގެ ފުރުސަތު ހަނިވެގެންދެއެވެ. ހަށިގަނޑު ފަލަވުމަކީ މިހާރުންމިހާރަށް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ރާއްޖޭގެ އިޤްތިސާދީ މަސައްކަތްތަކަށް އޭގެއަސަރު ވަރަށް އަވަހަށް ފޯރާފާނެ ކަމެކެވެ.2004ވަނައަހަރު މާލޭގައި ކުރެވުނު ސްޓެޕްސް ސާރވޭ ދައްކާގޮތުން މާލޭގެ ބޮޑެތިމީހުންގެއާބާދީގެ 64 އިންސައްތަ މީހުންނަކީ ސިއްޙީ ގޮތުން ރަނގަޅު ނޫން މިނެއްގައި ހަށިގަނޑު ފަލަމީހުންނެވެ. މި ދިރާސާ ގެ ތަފާސްހިސާބުތަކަށްބަލައިލާއިރު ހަށިގަނޑު ފަލަ މީހުން ބޮޑަށް ފާހަގަ ވަނީ އިޤްތިޞާދީގޮތުށް ފުދުންތެރިކަންކުޑަ އާބާދީގެތެރޭގައެވެ.
ކެއުމުގެ އާދަތަކަށް ރާއްޖޭގައި ސިއްޙީ ގޮތުން ރަނގަޅު ނޫން ޒަމާނީ ބަދަލު ތަކެއް މިހާރު ވަނީ ގެނެވިފައެވެ. ކެއުމުގައި ހަކުރު،ލޮނު އަދި ތެޔޮ ބޭނުން ކުރެވޭ މިންވަރު އެތައް ގުނައެއް ވަނީ އިތުރުވެފައެވެ. ރޯމޭވާ އާއި ތަރުކާރީ ކޭން ބުއިމުގައި އާއްމު ކޮށް ބޭނުން ކުރެވޭވަރަށް ވުރެ އަގުބޮޑުވެއްޖެއެވެ. މޭވާ އާއި ތަރުކާރީ އަކީ ކެއުމުގައި އާދަކޮށް ބޭނުން ކުރާނަމަ ހިތުގެބައްޔާއި ގޮހޮރު ގެ ކެންސަރުން ދުރުކޮށްދޭ ކަމެކެވެ. މޭވާ އާއި ތަރުމާރީ ގެ އިތުރުން ގޮވާމުގެ ބާވަތްތައް ކޭންބުއިމުގައި އާދަކޮށްބޭނުން ކުރާނަމަ ހަކުރުބައްޔާއި ހަށިގަޑުފަލަވުމުން ދުރުކޮށްދެއެވެ. އަދި ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށް ދިނުމަށް އެހީވެދެއެވެ. ސްޓެޕްސް ސާރވޭ ދައްކާގޮތުން މާލޭގެ އާބާދީގައިޢާއްމުކޮށް މޭވާ އާއި ތަރުކާރީ ބޭނުން ކުރެވެނީ ހަފްތާއަކު ހަފަހަރުއެވެ. ގައިންގަޔަށް ނާރާ ބަލިބަލިން ރައްކާތެރިވުމަށް މޭވާ އާއި ތަރުކާރީ ދުވާލެއްގެތެރޭ މަދުވެގެން 5 ފަހަރު ބޭނުން ކުރުން އެދެވިގެންވެއެވެ. މޭވާ އާއި ތަރުކާރީ ބޭނުން ކުރުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާކަމަށް ދައްކަނީ އެމީހަކަށް ލިބިފައިވާ ތަޢުލީމު ކަންވެސް މިސާރވޭ ދިރާސާ ކުރުމުން އެނގެއެވެ. އެހެނީ މަތީމަދަރުސީތަޢުލީމު ނުވަތަ ޔުނިވަރސިޓީ ތަޢުލީމު ހާސިލް ކޮށްފައިވާ ފަރާތްތަކުން މޭވާ އާއި ތަރުކާރީ ބޭނުން ކުރުމުގެފުރުސަތު އެފަދަ ތަޢުލީމެއް ޙާސިލު ނުކުރާފަރާތް ތަކަށް ވުރެ ތިން ގުނައިތުރެވެ.
ހަށިގަނޑަށް ކަސްރަތެއްލިބޭފަދަ މަސައްކަތެއް ނުކުރުމަކީ ގައިންގަޔަށް ނާރާބަލިބަލީ ގެ ތެރެއިން ހިތާއި ލޭހޮޅީގެބަލިބަލި، އެއްފަޅިވާގިނެތުން، ހަކުރުބަލި، ބޮޑުގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރު ޖެހުމުގެފުރުސަތު އިތުރު ކޮށްދޭކަމެކެވެ. ދިވެހި ރާއްޖެވެސް ތަރައްޤީ ވަމުން ދިޔަދިޔަހެން ދިރިއުޅުމުގެ ވައްޓަފާޅި އަށާއި، ކުރާމަސައްކަތަށާއި، ދަތުރުފަތުރު ކުރެވޭ ގޮތްތަކަށް ގެނެވުނު ބަދަލު ތަކުގެސަބަބުން ސިއްޙީ ގޮތުން ހަށިގަނޑަށް ފައިދާ ހުރި ކަސްރަތެއް ލިބުމުގެ ފުރުސަތު އާބާދީ ގެ ބޮޑު ބަޔަކަށް ވަނީހޯދަން އުދަގޫވެފައެވެ. މިއީވެސް ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިބަލި އިތުރުވުމުގެ އެއް އަސްލުކަމުގައި ބެލެވެއެވެ. ސްޓެޕްސް ސާރވޭ ދައްކާގޮތުން މާލޭގެ އާބާދީގައި ސިއްޙީ ގޮތުން ފައިދާލިބޭވަރުގެ ކަސްރަތެއް ލިބެނީ 16 އިންސައްތަ މީހުންނަށެވެ. އަދި ތަނަވަސްކަން އިތުރުވީވަރަކަށް ސިއްޙީ ގޮތުން ފައިދާލިބޭވަރުގެ ކަސްރަތެއް ލިބޭވަރުގެ މަސައްކަތެއް ކުރާލެއް މަދުކަމަށް ދައްކައެވެ. އަދި ހަމައެހެންމެ ތަޢުލީމީ ފެންވަރުމަތިވުމުން ސިއްޙީ ގޮތުން ފައިދާކުރާ ކަސްރަތެއް ލިބޭވަރުގެމަސައްކަތެއް ކުރުމުގެ ފުރުސަތުކުޑަކަންވެސް ދައްކައެވެ.
ލޭމައްޗަށް ދިޔުމަކީ އޭގެސަބަބުން ހިތާއި ލޭނާރުތަކުގެބަލިބައްޔާއި، އެއްފަޅިވާގިނެތުމުގެފުރުސަތު އިތުރުކޮއްދޭކަމެކެވެ. ލޭމައްޗަށް ދިޔުން ދުރުކޮށްދިނުމަށް ކުރެވިދާނެމުހިންމުކަންތައް ތަކުގެތެރޭގައި ކެއުމުގައި ލޮނުމަދުކުރުމާއި، ގަވާޢިދުން ކަސްރަތުކުރުމާއި، ހަށިގަޑުފަލަވިޔަ ނުދިނުންހިމެނެއެވެ. ލޭމައްޗަށް ދިޔުމަކީ ވާރުތަވުމުގެއަސްލެއްހިމެނޭބައްޔަކަށް ވުމާއި، ކޭންބުއިމުގެ އާދަކާދަ ބަދަލުވުމާއި، ކަސްރަތުކުރުން މަދުވުމުން އުމުރުންދުވަސްވީވަރަކަށް ލޭމައްޗަށް ދިޔުމުގެ ފުރުސަތު ބޮޑުވަމުން ދެއެވެ. ސްޓެޕްސް ސާރވޭ ދައްކާ ގޮތުން މާލޭގެ އާބާދީގެ 15.5އިންސައްތަ މީހުންގެ ލޭގެ ޕްރެޝަރު މައްޗެވެ. އަދި ލޭމަތިވުމުގައި ފަގީރަކަސް، މުއްސަންޖަކަސް، އަންހެނަކަސް، ފިރިހެނަކަސް ތަފާތެއް ނެތެވެ. ލޭމައްޗަށް ދިޔުމަކީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެނެވޭ ރަގަޅު ބަދަލު ތަކުންނާއި، ކެއުމުގައި ލޮނު މަދުކުރުމުންނާއި، ކަސްރަތު ކުރުމާއި، ހަށިގަޑު ފަލަވިޔަނުދީ ވަކިމިނެއްގައި ހިފެހެއްޓުމުންނާއި، އަދި ބޭސް ބޭނުން ކުރަން ޖެހޭ ޙާލަތް ތަކުގައި ލޭގެޕްރެޝަރު ދަށްކުރުމަށް ބޭސް ބޭނުން ކުރުމުން ކޮންޓްރޯލް ކުރެވޭ ކަމެކެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލް ވުމުން ހިތުގެ ބަލިބަލި ޖެހުމުގެ ފުރުސަތު، ލޭގެ ޕްރެޝަރު މައްޗަށް ނުދާމީހެކޭ އެއްވަރު ކޮށްދެއެވެ. އެހެން ކަމުން، ޤަވާއިދުން ލޭގެޕްރެޝަރު ބެލުމާއި، ޕްރެޝަރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ، ހިތުގެ ބަލިބަލިން ރައްކާތެރިވުމަށް އެޅޭނޭ ވަރަށް މުޙިއްމު ފިޔަވަޅެކެވެ. އެހެނީ، ލޭ މައްޗަށް ދިޔުމަކީ އޭގެ އަލާމާތެއްނެތި ވަރަށް ގިނަދުވަހު ހުރެދާނެ ކަމަކަށް ވެފައި، ފުރަތަމަ ފެންނަ އަލާމާތަކީ ވެސް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ސިއްޙީ ގެއްލުމެއް ހަށިގަޑަށް ލިއްބައިދޭ ބޮޑު ބައްޔަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. މާލޭގައި ކުރެވުނު ސްޓެޕްސް ސާރވޭ އިން ދައްކާ ގޮތުގައި، ލޭމައްޗަށް ދިޔުމުގެ ބަލި ހުރިކަން އަވަހަށް ދެނެގަނެ ބޭސް ކުރެވެން ފެށެނީ، އިޤްތިޞާދީ ގޮތުން ތަނަވަސް ފަންތީ ގެ މީހުން ނަށެވެ.
ހަކުރުބައްޔަކީ އޭގެޒާތުގައި ގައިންގަޔަށް ނާރާ ބައްޔެއްގެ އިތުރުން، ހިތުގެ ބައްޔާއި ގުރުދާ ފޭލް ވުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމެކެވެ. ހަކުރުބައްޔަކީ މިހާރު، ރާއްޖޭ ގައިވެސް ވަރަށް ޢާއްމު ބައްޔަކަށް ވަނީ ވެފައެވެ. ސްޓެޕްސް ސާރވޭ ދައްކާ ގޮތުން މާލޭގެ އާބާދީގެ 8އިންސައްތަ އަކީ ހަކުރުބަލިޖެހިފައިވާ ނުވަތަ ހަކުރުބަލި ޖެހުމުގެ މަގުމަތީގައިވާ މީހުންނެވެ. މިފަހަކަށް އައިސް ހަކުރުބަލި ދުނިޔޭގެ އެހެން ޤައުމު ތަކެކޭ އެއްފަދައިން ރާއްޖޭގަވެސް އިތުރު ވުމުގެ އެންމެ ބޮޑު ސަބަބަކީ ކޭންބުއިމުގެ އާދަކާދަ އަށް ގެނެވުނު ނުރަނގަޅު ބަދަލު ތަކާއި، ހަށިގަނޑަށް ފައިދާ ކުރަނިވި ވަރަށް ކަސްރަތު ނުކުރެވުމާއި، ހަށިގަނޑު ފަލަވުމެވެ. ދުނިޔޭގެ ތަރައްޤީ ވެފައިވާ ޤައުމު ތަކުގައި ހަކުރުބަލި ގިނައިން ޖެހެނީ ފަގީރު ގިންތީގެ މީހުންނަށެވެ. ރާއްޖެ އާއި އެންމެގާތުގައިވާ އޮޅުދޫކަރަ އާއި އުތުރުކަރާގައި ހަކުރުބަލި ގިނައިންޖެހެނީ މުއްސަނދި ގިންތީގެ ފަރާތް ތަކަށް ކަމުގައި ވީނަމަވެސް ސްޓެޕްސް ސާރވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި ހަކުރުބަލިޖެހުމުގެ ފުރުސަތު މިވަގުތު އޮތީ ތަރައްޤީ ވެފައިވާޤައުމުތަކުގެ މިސްރާބަށް ޖަހާފައެވެ. އެހެންކަމުން ހަކުރުބަލި ދެނެގަތުމާއި، ހަކުރުބައްޔަން ފަރުވާދިނުމުގައި، އިޤްތިޞާދީ ގޮތުން ތަނަވަސްކަން ކުޑަ އާބާދީ ތަކަށް އަމާޒު ކޮށްގެން މަސައްކަތް ކޮށްގެން ނޫނީ ކުރިމަގުގައި ހަކުރުބައްޔާއި، އެބަލީގެ ސަބަބުން ޖެހޭ ހިތާއި ލޭނާރުތަކުގެ ބަލިތަކާއި، ގުރުދާ ފޭލް ވުމާއި އަދި ހަކުރުބަލީގެ ސަބަބުން ޖެހޭ އެހެނިހެން ބަލިތައްރާއްޖޭގެ މާޙައުލުގައި އިތުރުވެގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސްޓެޕްސް ސާރވޭ އިން ޖުމްލަ ގޮތެއްގައިއެނގިގެން ދިޔައީ މިވަގުތު މާލޭގެ އާބާދީގައި ގައިންގަޔަށް ނާރާބަލިބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެވެ. އެހެން ކަމުން ފަރުދީގޮތުންނާއި ދައުލަތުގެ މުޢައްސަސާ ތަކުންނާއި، ކަމާގުޅޭ އަމިއްލަ ޖަމްޢިއްޔާ ތަކުން ކުރިމަގުގައި ގައިންގަޔަށް ނާރާބަލިބަލިން ރާއްޖޭގެ އާބާދީ ސަލާމަތް ކުރުމުގެ ޚާއްސަ މަޝްރޫޢު ތަކެއް ހިންގިގެން ނޫނީ ރާއްޖޭގެ ޢާއިލާތައް ބަލިބައްޔަށް ކުރަންޖެހޭ ހޭދަ އިތުރުވެ އިޤްތިޞާދީ ގޮތުން ޢާއިލާތަށް ހީނަރުވެ އަތްމަތިހުސްވެގެން ދިޔުމަކީ ދުރުގައިވާކަމެއްނޫނެވެ.