19 Jul 2021, 20:51
ނ. ކުޑަފަރީގައި ދިރިއުޅޭ ކޮންމެ ބިދޭސީ އަކަށްވެސް އެރަށުގެ ރައްޔިތުންނެކޭ އެއްފަދައިން އީދުގެ އުފަލުގައި ބައިވެރި ވެވޭ ގޮތަށް، މިއަހަރުގެ އަޟްހާ އީދު ކުޅިވަރުތައް ތަރުތީބު ކޮށްގެން ބާއްވަން ކުޑަފަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ނިންމައިފިއެވެ.
ކުޑަފަރީ އަންހެނުންގެ ކޮމެޓީގެ ރައީސާ މިލްހާނާ އިބްރާހީމް "ސަން"އަށް ވިދާޅުވީ މިފަހަރުގެ އީދު ކުޅިވަރު ތަކުގައި ބިދޭސީން ބައިވެރި ކުރަން ނިންމީ ވަރަށް މާތް އަދި އެހާމެ، މަތިވެރި މަގްސަދެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ ރަށެއްގެ ކުދިބޮޑު އެންމެން ނުކުމެ ބޮޑު އީދެއް ފާހަގަ ކުރާއިރު ބިދޭސީންނަކީވެސް ދަރިންނާއި އާއިލާ ދޫކޮށް، ރާއްޖެ އައިސް، އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދޭން އުޅޭ ވަރަށް ނިކަމެތި، ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންކަން ކުޑަފަރީ ރައްޔިތުންގެ ހިތުން އެންމެ ހިނދުކޮޅަކަށް ވެސް ފަނޑުވެގެން ނުދާނެ ކަމަށެވެ.
"މިރަށު ރައްޔިތުން އީދުގެ ހަރަކާތް ތަކުގަ ހަމަ ބައިވެރިވާ ބީދައިން އެމީހުންނަށްވެސް ކުޅިވަރު ތަކުގަ ބައިވެރި ވެވޭނެ. ބިދޭސީންނަށް ބައިވެރި ވެވޭނެ ވާ ދެމުމުގަ ވެސް. ދެން އޮންނަ ބޮޑުބެރު ޝޯވްގަ ވެސް އެމީހުންގެ ލަވަ ހުށަހެޅުމާ އެމީހުންގެ ހަރަކާތް ތަކަށް ވަރަށް ބޮޑަށް ފޯކަސް ކޮށްފަ ހުންނާނީ. އުލްހިޔާ ކަތިލުމުގެ ހަރަކާތުގަވެސް އެންމެ އިސްކަމެއް ދޭނީ ބިދޭސީންނަށް. އޭގެ މަސް ބަހަައިގެން ގޮސް އެމީހުން އެދުވަހުގެ މެންދުރު ކެއުމުގެ ތެރޭގަ ހިމެނޭ ގޮތަށް،" މިލްހާނާ ވިދާޅުވިއެވެ.

ކުޑަފަރީގައި 2019 ވަނަ އަހަރު އީދު ކުޅިވަރު ފާހަގަކުރަނީ. — ފޮޓޯ/ކުޑަފަރީ ކައުންސިލް
މިލްހާނާ އަހްމަދު ވިދާޅުވީ ކުޑަފަރީ އީދު ކުޅިވަރުތައް ފެށޭނީ އީދު ނަމާދަށްފަހު، އާދަކާދައިގެން މަތީން ރަށުގެ އެކި ކަންމަތި ތަކުގައި ބާއްވާ "ކަންމަތި ސައި" ކިޔާ ސަޔަކުން ކަމަށެވެ. މި ސައިގައި ކުދިބޮޑު އެންމެންނަށްވެސް ބައިވެރި ވެވޭނެ ކަމުގައި މިލްހާނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަޔަށްފަހު އޮންނާނީ އުޟުހިޔާ ކަތިލުން ކަމަށާއި އެއަށްފަހު ދެން ފެށިގެންދާނީ ކުޑަކުދިންނާއި އާއިލާ ތަކުގެ އިތުރުން ރަށުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިސްކަމެއް ދީގެން ބާއްވާ ކުލަ ޖެހުމުގެ ހަރަކާތެއް ކަމަށެވެ.
"އަޅުގަނޑުމެން ބާއްވަން އެކިއެކި ކިޔާ ކުޅިވަރެއް. އެކުޅިވަރުގަ މުސްކުޅިންނާ އެހާބޮޑަށް ހެލިފެލިވެ އުޅެން އުނދަގޫވާ ބޭފުޅުންނަށް ވަރަށް ބޮޑަށް އިސްކަން ދޭނަން،" މިލްހާނާ ވިދާޅުވިއެވެ.
މިލްހާނާ ވިދާޅުވީ ކުޑަފަރީ އަކީ މީގެ ކުރިން އީދުގެ އުފާ ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ރަށެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިފަހަރުގެ ބޮޑުއީދުގައި ކުޅިވަރުތައް މަދުކުރީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑުގެ ނުރައްކަލާ ގުޅިގެން ކަމަށެވެ.
ކުޑަފަރީ އަންހެނުންގެ ކޮމެޓީގެ ރައީސާ މިލްހާނާ ވިދާޅުވީ މިފަހަރުގެ ބޮޑުއީދު ފާހަގަ ކުރަން ނިންމީ ކުޑަފަރީގައި މިވަގުތު ކޮވިޑުގެ ބަލިމަޑުކަމެއް ނެތުމުން، ކައުސިލްގެ ހުއްދަ ލިބިގެން ކަމަށެވެ.