މުމްބާއީ (ޖުލައި 18): އިންޑިއާގެ މުމްބާއީއަށް ބޯކޮށް ވާރޭ ވެހި، ބިންގަނޑު ފޭބުމުގެ ހާދިސާތަކެއްގައި 18 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް)އިން މިއަދު ބުނި ގޮތުގައި މުމްބާއީގެ މަހުލް ސަރަހައްދުގައި ބިންގަނޑު ފައިބާ، ގެތަކެއްގެ މައްޗަށް ފާރެއް ވެއްޓިފައިވެއެވެ. އަދި އެ ހާދިސާގައި 12 މީހަކު މަރުވިއެވެ.

މީގެ އިތުރުން މުމްބާއީގެ އިރުއުތުރުގައި އޮންނަ ވިކްރޯލީގައި ބިންގަނޑު ފައިބައި، ގެތަކެއް ވެއްޓުމުގެ ސަބަބުން ހަ މީހަކު މަރުވެފައިވާ ކަމަށްވެސް އެންޑީއާރުއެފްއިން ބުންޏެވެ.

މުމްބާއީއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް މޫސުމީ ވިއްސާރައިގެ ސަބަބުން އިއްޔެވެސް ބޯކޮށް ވާރޭ ވެހި، ކުރިއަށް އޮތް ދެ ދުވަހުވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން މިއަދު ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިއްސާރައިގެ ސަބަބުން މީހުން މަރުވުމުން ހިތާމަ ފާޅު ކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް މާލީ އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.

މުމްބާއީގެ ބައިބޯ ސަރަހައްދުތަކުގައި އަޅާފައި ހުންނަ ގެތަކަށް ވިއްސާރަވާ ދުވަސްވަރު ގެއްލުންވުމަކީ އާންމު ކަމެކެވެ. އެގޮތުން މިދިޔަ މަހު ބޯކޮށް ވާރޭވެހުމާ ގުޅިގެން އެ ސިޓީގެ ތިން ބުރީގެ އިމާރާތެއް ވެއްޓި، 12 މީހަކު މަރުވެފައިވެއެވެ.