19 Feb 2012, 10:39
އިމާރާތެއްްގެ ތިން ވަނަ ބުރިން ވެއްޓުނު ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ދޮޅު އަހަރުގެ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
ލޮނުޒިޔާރަތް މަގާއި ކަށިމާހިނގުމުގެ ކަންމަތީގައި ހުންނަ ހޭޅި ސްޓޯރު ހުންނަ އިމާރާތުގެ ތިން ވަނަ ބުރިން ވެއްޓި މަރުވީ، ހއ. ކެލާ، ހިޔަލީގޭ އައިދިން އަލީ ޝާފިއު ދޮޅު އަހަރު، ކަމަށް އާއިލާ އިން ބުންޏެވެ.
އައިދީންގެ ބައްޕަ ޝާފިއުއާ ހަވާލާދީ ޝާފިއުއާ އެއްއޮފީހުގައި މަސައްކަތްކުރާ މީހަކު ބުނީ ހޭޅިސޮޓޯރު ހުރި އިމާރާތުގެ ތިން ވަނަ ބުރިން މިއަދު ހެނދުނު އައިދީން ވެއްޓުނީ އެ ކުއްޖާގެ ބައްޕަކައިރީގައި ހުރެފައި އެ ކުއްޖާ ވަރަށް ބާރަށް ދުއްވައިގަތް ވަގުތު ބައްޕަގެ އަތުގައިޖެހިފައި ކޮންޓްރޯލްނުވެ ތޭރިތަކުގެ ތެރެއިން ކަމަށެވެ.
"ދަނގަޑު ތޭރި ޖާހަފައިވާ ބެލްކަނީގެ ތޭރިތަކުގެތެރެއިން ކަހަލަ ގޮތަކަށް އައިދީން ވެއްޓުނު މަންޒަރު ފެނުނުމާ އެކު ވަރަށް ބާރަށް ތިރިއަށް އައިދީންގެ ބައްޕަ ފައިބައިގެން އައިކަމަށް އޭނާ ބުނި،" އޭނާ ބުންނެވެ.
އައިދިން ވެއްޓުމާ އެކު އެ ކުއްޖާ މަގުމަތިން ނެގި މީހަކު ސަން އަށް މައުލޫމާތުދެމުން ބުނީ އޭނާ ހަނޑޫބަސްތާއެއް ބޭލުމަށް ހޭޅި ފިހާރަކައިރީގައި ޕިކަޕު ޕާކުކޮއްލި ތަނާ މަތިން އައިސް އެއްޗެއް ޖޭހޭ އަޑަށް ބަލައިލި އިރު ކުޑަކުޑަ ފިރިހެން ކުއްޖަކު ބަޑުވަތަށް ވެއްޓުނުތަން ފެނުނުކަމަށާއި ވެއްޓުނު އިރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ.
"އަހަރެން ވަގުތުން އެ ކުއްޖާ ނެގުމަށް ފަހު ޕްރައިވެޓް ކާރަކަށް ލާފައި އޭޑީކޭ އަށް ފޮނުވާލީ . ކުއްޖާގެ ގަޔަކުން ތަނަކުން އެއްވެސް ވަރަކަށް ލޭ އައިސްފައެއް ނެތް. އެކަމަކު މޫނުމަތިން ކޮންމެވެސް ވަރަކަށް ޖެހުނުތަން ކަޅުވެފައި ހުރީ. އެއްވެސް ޒަހަމެއް ފެންނާކަށް ނެތް،" އައިދީން ހޮސްޕިޓަލަށް ކާރެއްގައި ފޮނުވާލުމަށް ފަހު އެ ކުއްޖާ އަށް ވީގޮސް ސާފުކުރުމަށް ހޮސްޕިޓަލަށް ގޮސް ހުރި މީހާ ބުންޏެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އޭޑީކޭ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމުގައި ބައްވާފައިވާ އައިދީންގެ ކަށުކަމާކެމީގެ ކަންކަތައްތައް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށެވެ.