ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބުން ނުވަތަ ކާޑުބަލިގެ ސަބަބުން ދުނިޔޭގައި ގަޑިއަކު 300 އެއްހާ ކުޑަކުދިން މަރުވާކަން ކުޑަކުދިންނަށްޓަކައި ޚިދްމަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ސޭވެ ދަ ޗިލްޑްރަން އޮގަނައިޒޭޝަނުން ހާމަކޮށްފިއެވެ.

ދުނިޔޭގެ ޤައުމުތަކުގެ ކުޑަކުދިންގެ ޙާލަތު ދިގުމުއްދަތަކަށް ދިރާސާކުރުމަށްފަހު އެ ޖަމްޢިއްޔާއިން ނެރުނު ދިރާސާ ރިޕޯޓެއް ބުނާގޮތުން ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން 25% ކުދިންނަށް އެކުދިން ތަބީޢީ ގޮތުން ފުރިހަމައަށް ބޮޑުވުމަށް ބޭނުންވާ ކާބޯތަކެތި ނުލިބެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން 5 އަހަރުން ދަށުގެ 170 މިލިޔަނަށްވުރެ ގިނަކުޑަކުދިންގެ ހެދިބޮޑުވުން ހުއްޓި ބަލިތަކަށް ހުށަހެޅިފައިވާކަމުގައެވެ.

ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ދެބައިކުޅަ އެއްބައި ޙިއްސާކުރާ 5 ޤައުމު ކަމަށްވާ ބަންގްލަދޭޝް، ޕާކިސްތާން އިންޑިޔާ، ނައިޖީރިޔާ އަދި ޕެރޫގެ ބޮޑު ޕަސެންޓެއްގެ ކުޑަކުދިންނަށް އެންމެ ކުޑައިރުއްސުރެ ހަށިގަނޑަށް ބޭނުންވާ ކާބޯތަކެތި ނުލިބުމުގެ އިތުރުން އެކުދިންގެ ޅައުމުރުގައި މަދްރަސާއަށް ނުފޮނުވައި އަދި މަދްރަސާއަށް ފޮނުވި ނަމަވެސް އެތަނުން ކަނޑާލުމަށްފަހު ޅައުމުރުގައި މަސައްކަތުގެ ދާއިރާއަށްވަނީ ނެރެފައެވެ.

"ހައިހޫނުކަމާނުލައި ދިރިއުޅުން" މިނަމުގައި ސޭވްދަޗިލްޑްރަން އިން ނެރުނު ރިޕޯޓްގައި ފުރިހަމައަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުރިމަތިވާ ކާޑުބައްޔާއި އެއާގުޅިފައިވާ ސިއްޙީ މައްސަލަތަކުގައި އަފްޣާނިސްތާނުން އެކަނިވެސް އަހަރަކު 30 ހާސް ކުޑަކުދިން މަރުވާކަން ހާމަކޮށްފައިވެއެވެ.

މިރިޕޯޓް ތައްޔާރުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ސޭޗް ދަ ޗިލްޑްރަން ޖަމްޢިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރ ޖޮސްޓިންފޯސިޓް ވަނީ ފުރިހަމައަށް ކާބޯތަކެތި ނުލިބުމަކީ އެކަމުގެ ސަބަބުން ކުއްލިއަކަށް މަރުވާ ކަމަކަށްނުވާތީ މިއީ ކުޑަކުދިން މަރުވާ ސަބަބެއްގެ ގޮތުގައި ތަފާސްހިސާބުތަކުން ނުދައްކާކަމުގެ އިންޒާރު ދެއްވާފައިވެއެވެ.

ކުޑަކުދިން ހެދިބޮޑުވުމަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބުމަކީ ކުއްލިއަކަށް މަރުވުމުގެ ބަދަލުގައި ސިއްޙީ އެކިމައްސަލަތައް ކުރިމަތިވެ ހިމޭންކަމާއެކު ދިގުމުއްދަތަކުން ކުޑަކުދިން މަރުވުމަށް މަގުފަހިވާ މައިގަނޑު ސަބަބުކަމަށްވާތީ މިކަމުގެ ނުރައްކާ ގިނަބަޔަކަށް އިޙްސާސް ނުކުރެވޭކަން ޖޮސްޓިން ފާހަގަ ކުރައްވާފައިވެއެވެ.

ފުރިހަމައަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ކުރިމަތިވާ ބަލިތަކުގައި އަހަރަކު 2.6 މިލިޔަން ކުޑަކުދިން މަރުވާކަން ރިޕޯޓްތަކުން ހާމަވައިރު ހަޤީޤަތުގައި މިޢަދަދު މިއަށްވުރެ މާ ގިނަވާނެކަން މިރިޕޯޓްގައި ހާމަކޮށްފައިވެއެވެ. (ދި އިންޑިޕެންޑެންޓް)