ޕާކިން ސްޓިކާ ޖެހުމުން ލައިސެންސް ބާތިލްވާނީ ޕާކިންއަށް އެކަށީގެންވާ މިންވަރަަށް ޖާގަ ހެދުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު "ސަން" އަށް ވިދާޅުވީ އާ ގަވާއިދުގެ ދަށުން ޕާކިން ސްޓިކާގެ 20 ސްޓިކާ ހަމަވުމުން ލައިސެންސް ގެއްލޭ ގަވާއިދަށް އަމަލުކުރަން ފާށާނީ ޕާކިންއަށް އެކަށީގެންވާ މިންވަރަށް ޖާގަ ހަމަޖެހުމުން ކަމަށެއެވެ.

"އަޅުގަނޑުމެން މި ހުރިހާ ކަމަކަށް އަމަލުކުރަން ފައްޓާނީ މި ހުރިހާ ކަމެއް ފުރިހަމަ ވާނެ ކަމުގެ ޔަގީން ކަމާއެކު. އަޅުގަނޑުމެންނާ ސިޓީ ކައުންސިލާ ދެމެދު މަޝްވަރާ ކުރަމުން މި ދަނީ ޕާކިން ޖާގަ އިތުރު ކުރާނެ ގޮތަކާމެދު. އެކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ފަހު އަޅުގަނޑުމެން އަމަލުކުރަން ފަށާނީ،" އޭނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީިން ގެޒެޓްގައި އާންމުކުރި އާ ގަވާއިދުކަމުގައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގައި ވަނީ އެ މިނިސްޓްރީއިން ދޫކުރާ ކޮންމެ ލައިސަންސްއަކާއެކު 100 ކްރެޑިޓް ޕޮއިންޓް ދޭނެކަމަށެވެ.

އަދި ގަވާއިދާ ހިލާފް އެކި މައްސަލަތަކުގައި ވަކި އަދަދުތަކެއް އެ ކްރެޑިޓް ޕޮއިންޓުން އުނިކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ. އެގޮތަށް ކްރެޑިޓް ޕޮއިންޓް އުނިކުރަމުން ދޫކުރާ 100 ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވެގެންދާނެކަމަށް އާ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ މާނައަކީ އާންމު ފަރާތަކުން ނުގަވާއިދުން ޕާކުކޮށްގެން 20 ފަހަރަށްވުރެ ގިނަ ފަހަރު އުޅަނދުގައި ސްޓިކާ ޖަހައިފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލުވެގެންދާނެކަމެވެ. އެއީ ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކޮށްގެންނެވެ.