ނޭޕިޔިޑޯ (ޖުލައި 17): މިދިޔަ ފެބްރުއަރީ މަހު މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރި ފަހުން އެގައުމުގައި 75 ކުޑަކުއްޖަކު މަރާފައިވާ ކަމަށް އދގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މާހިރުން ވިދާޅުވެއްޖެ އެވެ.

އދގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޓީން ރިޕޯޓު ކުރި ގޮތުގައި މިޔަންމާގައި ފެބްރުއަރީ އެކެއްގެ ފަހުން 75 ކުޑަކުއްޖަކު މަރާ، 1،000 ވަރަކަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން އެ ކޮމިޓީއަށް އެނގިފައިވެ އެވެ.

"މިޔަންމާގެ ކުޑަކުދިން ތިބީ ބަންދުގައި އަދި އަސްކަރީ ބަޣާވާތުގެ ސަބަބުން އެތައް ކުދިންނެއް މަރުވުމުގެ ނުރައްކަލާ ވަނީ ކުރިމަތިވެފައި،" އދގެ ކޮމިޓީގެ ޗެޔާ މިކިކޯ އޮޓާނީ ވިދާޅުވި އެވެ.

އޮޓާނީ ވިދާޅުވި ގޮތުގައި މިޔަންމާގައި ކުޑަކުދިން ހައްޔަރުކޮށް، އެކުދިންނަށް ވަނީ ހަމަނުޖެހުމާއި ބަޑީގެ ހަމަލާތައް ތަޖުރިބާ ކުރަން ޖެހިފަ އެވެ. އަދި އެގައުމުގައި ވެކްސިންތައް ޖެހުމާއި ސިއްހީ ފަރުވާ ހޯދުމަށާއި އުނގެނުމަށް ހުރަސް އެޅި، ސާފު ބޯފެނާއި ކާނާ ހޯދަން ވެސް ދަތިވެފައިވާ ކަމަށް އދގެ ކޮމިޓީން ބުންޏެވެ.

އެ ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ "ސިފައިންނާއި ފުލުހުން ކުޑަކުދިން މެރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ" އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށް ފަހު ސިފައިން ވަނީ ކުރީގެ ލީޑަރު އަންގް ސަން ސޫޗީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާތައް ކޮށްފަ އެވެ.

އެ ބަޣާވާތާ ދެކޮޅަށް އެގައުމުގައި ގިނަ އަދަދެއްގެ މީހުން ދަނީ މުޒާހަރާކޮށް މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ. ނަމަވެސް ސިފައިންނާއި ފުލުހުން ދަނީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަމުންނެވެ.

މިޔަންމާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސްއިން ބުނާ ގޮތުގައި ބަޣާވާތަށް ފަހު އެގައުމުގެ ސަލާމަތީ ފައުޖުތަކުން މަރާފައިވާ މީހުންގެ އަދަދު 912އަށް އަރާނެ އެވެ.