ރިޔާޟް (ފެބްރުއަރީ 19) : އަލްޤާޢިދާ ޖަމާއަތާ އެކު ބާއްވާ ގުޅުންތައް ކަނޑާލައި ހަތިޔާރު ބެހެއްޓުމަށް ސަޢޫދީ އަރަބިޔާއިން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަށް ގޮވާލައިފި އެވެ.

ނަން ހާމަކުރަން ނޭދޭ ސަޢޫދީ މަސްއޫލުވެރިއަކު ވިދާޅުވީ ތާލިބާން ޖަމާއަތާއި އަފްޣާން ސަރުކާރާ ދެމެދު މެދުވެރިއެއްގެބައި ސަޢޫދީ ސަރުކާރަށް އަދާކުރެ ވޭނީ އަލްޤާޢިދާއާ ގުޅުންތައް ކަނޑާލައި ހަތިޔާރު ބެހެއްޓުމަށް ފަހު ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވުމަށް އެޖަމާއަތުން އުސޫލެއްގެ ގޮތުން އެއްބަސްވުމުން ކަމުގަ އެވެ.

އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތަކެއް ދެއްކިކަން އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވަނީ ހާމަކުރައްވާފަ އެވެ. އެމެރިކާ އާއި އަފްޣާން ސަރުކާރުން ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތައް ދެއްކީ ސަޢޫދީ އަރަބިޔާ މެދުވެރިއަކަށްވެގެން އެޤައުމުގެ ވެރިރަށް ރިޔާޒްގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ތާލިބާން ޖަމާއަތަށް ނިސްބަތްވާ ބޭފުޅަކުވަނީ މިވާހަކަތައް ރިޔާޟްގައި ކުރިޔަށް ދިޔަކަމުގެ މަޢްލޫމާތު މީޑިޔާއާ ޙިއްސާ ކުރައްވާފަ އެވެ.

ނަމަވެސް ތާލިބާންގެ ރަސްމީ ތަރްޖަމާން ޒަބީޙުﷲ މުޖާހިދުވަނީ މިކަން ދޮގުކުރައްވާފައެވެ. މިކަން ދޮގުކުރައްވަމުން ޒަބީޙުﷲ ވިދާޅުވީ ކަރުޒާއިގެ ސަރުކާރަކީ އެމެރިކާއާއި ހުޅަނގުގެ ގޮނޑިކޮށްކޮ އެއްކަމަށާއި ގޮނޑިކޮށްކޮ ސަރުކާރަކާއެކު ތާލިބާނުން ދުވަހަކުވެސް ސުލްޙައިގެ ވާހަކަތައް ނުދައްކާނެ ކަމުގައެވެ.

ތާލިބާން ޖަމާއަތަށް ނިސްބަތްވާ ވަކިފަރުދަކު ކަރުޒާއިގެ ގޮނޑިކޮށްކޮ ސަރުކާރާއެކު ވާހަކަތަކެއް ދެއްކިނަމަވެސް އެއީ އެޖަމާއަތް ތަމްސީލް ކުރާމީހަކަށް ނުވާނެކަމަށާއި އަދި އެވާހަކަތަކަކީ އެޖަމާއަތުން ދެއްކި ވާހަކަތަކަށް ނުވާނެ ކަމަށްވެސް ޒަބީހުﷲ ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ ހުޅަނގުގެ އިސްތިޢްމާރީ ބާރުތަކާއެކު ސުލްޙައިގެ ވާހަކަތައް ދެކެވޭނީ އެބާރުތައް އަފްޣާނިސްތާނުން ފޭބުމުން ކަމަށް ތާލިބާން ޖަމާއަތުން އަބަދުވެސް ބުނަމުން ގެންދެއެވެ. އަދި އަފްޣާންސަރުކާރަކީ ހުޅަނގުގެ ގޮނޑިކޮށްކޮއަކަށްވާތީ އެސަރުކާރަކީ ވައްޓާލަންޖެހޭ ސަރުކާރެއް ކަމަށްވެސް ތާލިބާނުން ބުނަމުން ގެންދެއެވެ. (އަލްޖަޒީރާ)