ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ގާނޫނުލް އުގޫބަތަށް ގެންނަ އިސްލާހު ފާސްކުރުމުގެ ހިތްވަރު އެމްޑީޕީގެ ސަރުކާރުގެ ކިބައިގައި ނުވާނަމަ އެމަނިކުފާނުގެ ތާއީދެއް ސަރުކާރަށް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕު ހަމައެކަނި ގޮތްދޫކުރުމުގެ އުސޫލުގެ މަތީ ތިބެގެން ނުވާނެކަމަށެވެ. އަދި އޭގެ ބަދަލުގައި އެމްޑީޕީ އިން ގަބޫލްކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑާޝިޕްގެ ތެރޭ އޮންނަން ވާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގައި އެންމެ ފަހުން މީހަކު މަރާލަން ރާވާ ޓެރަރިސްޓު ހަމަލާ ދިނީ އަޅުގަނޑަށް. އަޅުގަނޑު މަރާލަން ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ މީހުން، އެހެން މީހުން ކާފަރުކުރުމަށް ހިންގާ އަމަލުގެ ތެރެއިން ހިންގި އަމަލެއް. އެ މީހަކު އެއީ ކާފިރެއްކަމުގައި ކަނޑައަޅާ ދެން އޮންނަނީ ފަތުވާއަކަށް ފަހު އޭނާ އަށް މަރުގެ އަދަބެއް ދިނުން. ދެން އޮންނަނީ ހަރުކަށި ޖިހާދީ ފިކުރުގެ މީހުން އެ ތަންފީޒުކުރުން. މިއީ ރާއްޖޭގައި މިހާތަނަށް ހަރުކަށި ފިކުރުގެ މަރުތައް ހިނގާ ދިޔަ ގޮތް. އޭގެ ތެރޭގައި ޑރ. އަފްރާޝިމްގެ މަރާއި، ރިލްވާނާއި، ޔާމީން ރަޝީދުގެ މަރު ހިމެނޭ. ނަފްރަތުގެ އަމަލު ހުއްޓުވާ ބިލް ވުޖޫދަށް ގެނައުމުގެ ބޭނުމަކީ މި ފަދަ ގޮތަކަށް ކާފިރު ކުރުމުގެ އަމަލު ހުއްޓުވުން،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން އެ ބިލް ހުށައެޅުމާއެކު ސަރުކާރުގެ ކޯލިޝަން މެމްބަރެއް ކަމުގައިވާ އަދާލަތު ޕާޓީން އެ ބިލާ ދެކޮޅު ހެދުމާއެކު ސަރުކާރުން ވެސް އެކަމަށް ފަސް ޖެހިފައިވާކަމަށެވެ. އަދި މި ބިލުން ހުއްޓުވުމަށް މަސައްކަތްކުރާ މީހުން ކާފަރުކުރުމާއި ނަފްރަތުގެ އަމަލުތަކުގެ ޝިކާރައަކަށް ވެދާނެ ކަމުގެ ބިރު ސަރުކާރަށްވެސް ހީވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް 2018 ގެ އިންތިހާބު ރައްޔިތުން ކާމިޔާބުކޮށްދިނީ މިނިވަންކަމާއެކު ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ. އެހެންނަމަވެސް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީއާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފުރަތުގެ އަމަލު ބަޔާންކޮށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އަލުން ފޮނުވުމަށް މަޖިލީހުގެ ތަޅުމުން މި މަހުގެ އަށްވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ.

އަދި އެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަމުން ދިޔަ އިރު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ އެ ބިލު ސްޕޮންސާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިދިން ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިނަށް ނުރައްކަލާއި އިންޒާރު ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެފައެވެ.

ހިސާންގެ ދިފާއުގައި ސަރުކާރުން ބަހެއް ނުބުނާކަމަށް ބުނެ ރައީސް ނަޝީދަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.