17 Jul 2021, 11:47
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހދ. އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. އަތޮޅު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ ރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލު ކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި އަދި، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސް އާ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ކައުންސިލަރުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ.
މީގެ އުތުރުން ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއި ރަށްރަށުގެ ބަނދަރާއި، ފެނާއި ނަރުދަމާގެ އިތުރުން ސުކޫލްތަކާއި ޒުވާނުންނަށް ބޭނުންވާ އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން އަތޮޅު ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

ރައީސް ސޯލިހު ހދ. އަތޮޅު ކައުންސިލާ އެކު ބެއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރި ކަންކަން ހައްލު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ހދ. އަތޮޅު ކައުންސިލާއެކު ބޭއްވި މި ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.