17 Jul 2021, 09:43
ފުވައްމުލަކު ހޮސްޕިޓަލުގައި ބަލި މީހުން ބަލާ އަންހެނުންގެ ޑޮކްޓަރު، ފާއިތުވީ ދެމަސް ތެރޭގައި ކުރި ސިޒޭރިއަން އޮޕްރޭޝަން ތަކުގެ ތެރެއިން ތިން އޮޕަރޭޝަނެއްގައި މައްސަލަ ދިމާވެ، މާލެ ފޮނުވަން ޖެހުނު ކަމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިހެން ބުނީ ފުވައްމުލަކު ހޮސްޕިޓަލުން ސިރޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ނެގި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ވަނީ އަންހެނުންގެ ޑޮކްޓަރުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ހާދިސާތައް ތަކުރާރު ވެދާނެ ކަމަށްޓަކައި އޭނާ ވަގުތުން ވަގުތަށް މަސައްކަތުން އެކަހެރި ކުރުމަށް ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލުގެ މެނޭޖްމެންޓުގައި މިހާރު އެދިފައިވާނެ ކަމަށެވެ.
އަދި އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް ހުރުމާއެކު، ހޮސްޕިޓަލުގައި މިހާރު ހުރި އަންހެނުންގެ ޑޮކްޓަރުގެ ބަދަލުގައި އެހެން މީހަކު ހަމަޖައްސައި ދިނުމަށްވެސް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"އަދި މިކަންވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ވެސް ގެނެވިފައެވެ. މިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރާއި ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ ފަރާތުން ވަނީ ލިބިފައިވާކަން މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
އަންހެން ޑޮކްޓަރުގެ ފަރާތުން ފާއިތުވީ ދެމަސް ތެރޭގައި ދިމާވެފައިވާ ހާދިސާ ތަކަކީ އެކަމުގެ ސަބަބުން މައިމީހާ އާއި ތުއްތު ދަރިފުޅަށް ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ ފަދަ ކަމެއް ކަމުގައި ވާތީ އެ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
މިފަދަ ކަންތައް ތަކުރާރު ވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖުތަމައުގެ ހަމަޖެހުން ގެއްލޭ ފަދަ ކަމެއް ކަމުގައިވާތީ މިފަދަ ކަންކަމަށް ހައްލު ހޯދައިދިމުގައި ކައުންސިލް ފަސް ނުޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޑޮކްޓަރުންނާމެދު ފިޔަވަޅު އެޅުމާބެހޭ ގޮތުން ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "ސަން" އަށް ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރެއްގެ އެތެރޭގައި ހިނގާ ކަމެއްގައި ހިމެނޭނީ ހަމައެކަނި ޑޮކްޓަރު ނޫންކަމަށާއި އެކަމުގައި އިތުރު ފަރާތްތައްވެސް ޝާމިލުވާނެ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ ހާދިސާ ހިނގަން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި މައްސަލައިގެ ތަފުސީލީ ލިޔެކިޔުންތައް މިނިސްޓްރީއަށް ފޮނުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލަ އާ ގުޅޭ ލިޔެކިޔުންތައް ލިބުމުން، އެކަން އެކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތެއް ވާނަމަ ފިވަޅު އަޅާނެ ކަމަށެވެ.