19 Feb 2012, 10:17
ސެޕްޓެމްބަރު އަށް ވަނަ ދުވަހު ގައުމަށް އައި އިންގިލާބާ އެކު ރާއްޖެ ވަނީ ސިޔާސީ ގޮތުން ހަލަބޮލިވެފަ އެވެ. އެ އޮޔެވަރާ އެކު މުޅި ގައުމު ވަނީ ސިޔާސީވެރިންގެ ޝިކާރަޔަކަށް ބަދަލުވެފަ އެވެ. ނަތީޖާއަކަށްވީ ގައުމުގެ އިގްތިސޯދު އޭގެ ޝިކާރަޔަކަށްވެ ވިޔަފާރިތަކުގެ ރައްކާތެރިކަމާ އިތުބާރު ގެއްލުމެވެ. ވިޔަފާރިވެރިންގެ މިއަދުގެ ޝަކުވާއަކީ އެމީހުންގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް ހިމާޔަތެއް ނެތުމާއި އިންވެސްޓްމެންޓްތަކަށް އެއްވެސް ގެރެންޓީއެއް ނެތުމެވެ. އެމީހުން މިއަދު ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ.
"ރޭގަނޑު އަހަރުމެން ތިބެނީ، ދުވާލު މަސައްކަތްކޮށްފައި ރޭގަނޑު ހޭލައި އެތި ކޮޅުގައި ބައްދައިގެން. ވަރަށް ނުބައި ހާލަތެއްގައި ތާއަބަދަށް ޓަކައި އުޅެން މިޖެހެނީ. އަޅުގަނޑު އަތުން ވެސް [ވަގަށް] ނަގައިފި 90،000ރ. ގެ މެޝިނަރީ އެއްޗިހި. ފުލުހުންނަށް ފެނުނީ ތިން ހަތަރު ގަޑެތި. ވިޔަފާރިކުރަން މިހާރު ހަދާނެ ގޮތެއްވެސް ނެތް. އަޅުގަނޑުގެ ފިހާރައިގައި ވެސް މިހާރު ބިއްލޫރި ޝީޓް ތިން ފަހަރަށް ލައިފިން. ދެން ގޯނި ގޯންޏަށް އަޅާލައިގެން ދަނީ. އަބަދު އޭގައި [މުދަލުގައި] ބައްދައިގެން ވެސް ނުތިބެވޭނެ،" އައްޑޫގައި ބަސް ދަތުރުގެ ވިޔަފާރި އާއި ތަފާތު އެހެނިހެންވެސް ވިޔަފާރިތައް ކުރާ އަލީ ހަލީލް ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނުރައްކާ ބޮޑުވެ ރައްކާތެރިކަމުން މަހުރޫމްވީ އިރު އެ ނުރައްކާ އިންޑަސްޓްރީ ލެވަލްއަށް ވެސް ވަނީ ފެތުރިފަ އެވެ. ސިޔާސީ ހަލަބޮލިކަން ރާއްޖޭގެ ކަނޑު އޮޅިން ބޭރުވެ އެހެން ކަރަކަރައަށް ދާން ފެށުމުން ޓޫރިޒަމް އިންޑަސްޓްރީ އަށް ވަނީ އެކަމުގެ ނުރައްކާ ފިސާރި ރަނގަޅަށް ފޯރާފަ އެވެ. ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އަށް އަމާޒު ކުރެވޭ ނެގެޓިވް ކެމްޕޭންތަކެއް ފެށި ބައެއް ޓޫރިސްޓް ރިސޯޓްތައް ބޮޔެކޮޓް ކުރުމަށް ޓްރެވަލް ނޯޓްތައް ވަނީ ނެރެން ފެށިފަ އެވެ.
ދާދިފަހުން ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް އަހުމަދު އަދީބު ވިދާޅު ވަނީ ޓޫރިޒަމް އިންޑަސްޓްރީ ސިޔާސީ ކަންކަމާ ބަޔަކު ގުޅުވާ ކަމަށެވެ. އޭނާގެ ނަޒަރުގައި ރާއްޖޭގެ ހާލަތު އޮތް ވަރަށް ވުރެ ބޮޑުކޮށްލައިގެން ބޭރު މީޑިޔާތަކުގައި ފަތުރަނީ އެހެންވެގެންނެވެ.
"ވަރަށް ސިޔާސީ ވާދަވެރިކަމެއްގެ ގޮތުގައި މިވީ ތިން އަހަރުވެސް މިދިޔައީ. އެކަމަކު އެއްވެސް ފަރާތަކުން ޓޫރިޒަމް އިންޑަސްޓްރީއަށް ބޭރަކު ނުބެހޭ ދެއްތޯ. އަޅުގަނޑުމެން އިންޓާނަލީ [ގައުމުގައި] ކިޔާ އެއްޗެއް ކިޔަނީ. އެހެންވެ މީގެ ސަބަބުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އޭގެތެރެއަށް ވަކި ބަޔެއްގެ ސަރުކާރެއް ނެތިއްޔާ ޓޫރިޒަމް ބޮޔެކޮޓް ކެމްޕޭނެއް ފެއްޓިގެން ދާތަން މިފެންނަނީ. މިއީ ވަރަށް ނުރައްކާތެރިކަމެއް،" ވިޔަފާރިވެރިންގެ ރައީސްކަން ވެސް ކުރައްވާ އަދީބު ވިދާޅުވި އެވެ.
އަބަދުވެސް ތިޔާގިކަމަށް ލޭބަލް ޓޫރިޒަމް އިންޑަސްޓްރީ ވެސް ހާސްކަމެއްގެ ތެރެއަށް ގެބުނީ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކަށް ވާނެ ގޮތެއް ނޭނގޭތީ އެވެ. ލެންޑަރުންނާއި އިންވެސްޓަރުން ބިރުން ސިހިސިހި ތިބީ އެހެންވެގެންނެވެ. ރާއްޖޭގައި 1974 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން އަންނަ ޖޫންމަހާ ހަމައަށް އިތުރު އައު އިންވެސްޓްމަންޓްތައް ކުރުމާ އަދި ލޯނު ވެސް ދޫނުކުރަން ނިންމީ "ރައްކާތެރި"ކަމުގައި ސުވާލު އުފެދޭތީ އެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަމެއް ނެތީމާ އެއްވެސް އިތުރު ލޯނެއް އަދި އިންވެސްޓްމަންޓެއް ވެސް މި ނުކުރަނީ. އެގޮތަށް އަޅުގަނޑު ނިންމީ މި ސިޗުއޭޝަންގައި ދެންވާނެ ގޮތް ނޭނގި ލާރި އަނބުރާ ލިބޭނެ ކަމުގެ ގެރެންޓީއެއް ނެތީމާ،" އެސްބީއައިގެ އިސް އޮފިޝަލަކު ސަން އޮންލައިންއަށް ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ އާއި އިންފްލޭޝަން ފަދަ ބޮޑަތި މައްސަލަތަކުން ވިޔަފާރިތަކަށް ހުރަސް އެޅޭ އިރު ސިޔާސީ އޮޔެވަރުގައި އިންޑަސްޓްރީތައް ފުނޑުމަކީ ތަހައްމަލް ކުރެވޭނެ ކަމެއް ނޫނެވެ. ދުވާލެއްގެ މައްޗަށް އެތައް ފިހާރަތަކެއްގެ ބިއްލޫރިތައް ތަޅައި ބައެއް ފިހާރަތައް ލޫޓުވައި އަދި ހުޅުޖެހުމަކީ އިންވެސްޓަރުން ވިސްނާނެ ކަމެކެވެ. އެއީ ގައުމުގެ އިގްތިސޯދުގައި މަރު ތަޅު އެޅުމެވެ.
"އަޅުގަނޑުގެ ފިހާރައަށް މިވީ ގެއްލުން 60،000ރ އަށް އަރާނެ. އެހެރީ ބިއްލޫރިގަޑު ވެސް ތަޅާލާފައި. އަދި ބައެއް އެއްޗިހިވެސް ވަގަށް ގެންގޮސްފައި،" ލޮނުޒިޔާރަތް މަގުގެގައި ގާމެންޓް ފިހާރައެއް ހިންގާ ވިޔަފާރިވެރިޔަކު ބުންޏެވެ. އޭނާގެ ފިހާރަ ފަޅާލައި ވައްކަން ކުރުމުން ލިބުނު ގެއްލުން އެއް މަސްދުވަހުން ވެސް ފޫނުބެއްދޭނެ އެވެ. ހަގީގަތުގައި އެއީ ވަރަށް ކުޑަ ގެއްލުމެކެވެ. ޓޫރިޒަމް ފަދަ ބޮޑު އިންޑަސްޓްރީއަކަށް އެފަދަ ގެއްލުމެއްވެއްޖެ ނަމަ ދެންވާނެ ގޮތް ވިސްނަވާށެވެ.
"ތައިލޭންޑް ފަދަ ބޮޑެތި ގައުމުތައް ވެސް މުޒާހަރާތައް ނޫނީ މިކަހަލަ ސިޔާސީ ކަންތަކުން މުޅި ގައުމު އެއޮތީ ހަލާކުވެފައި. އެމީހުންނަށް ކުރިއަށް އޮތް 30 އަހަރުތެރޭގައި ވެސް ނެތް، އެމީހުން މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން އޮތް ހާލަތަށް އިގްތިސާދު އަނބުރާ ރުޖޫއު ކުރެވޭކަށް،" ސަންޓްރެވެލްގެ ވެރިޔާ އަހުމަދު ސިޔާމް ތަންކޮޅެއް ކުރިން ވިދާޅުވެފައިވެ އެވެ.
އިންޑަސްޓްރީތައް ސިޔާސީ ވިސްނުމުން އެއްފަރާތްކުރުމަކީ ކުރަންވެއްޖެ ކަމެކެވެ. ސިޔާސީ ކަންކަމުގައި އިންޑަސްޓްރީތައް ގުރުބާން ކުރެވޭކަށް ނެތެވެ. އޭރުން ދެން ގައުމުން ފެންނަ މަންޒަރު މާހިތިވާނެ އެވެ. އޭރުން ގެއްލުންވާނީ ގައުމަށެވެ. އޭގެ ބަދަލުގައި މިއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭން ޖެހޭ ވަގުތެވެ. ނޫނީ ވަގުތުފާއިތުވެދާނެ އެވެ.
"އަޅުގަނޑުމެން ބަލަންވީ ޓުއާއޮޕަރޭޓަރުންނާއި މިތާ ހުރި ހޮޓެލް ޗެއިންތަކަށް ޔަގީންކަން ދިނުމަށް އަޅުގަނޑުމެންގެ ޓޫރިޒަމަށް އިފެކްޓް ކުރާނެ އެއްވެސް ކަމެއް ނުވަތަ އަޅުގަނޑުމެންނަށް އަންނަ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ހޯދައިދޭން،" ޒުވާން ޓޫރިޒަމް މިނިސްޓާ އަދީބު ވިދާޅުވި އެވެ.