ލައިސެންސް ނެގުމަށް ހުށަހަޅާއިރު ކިތަންމެ ބޮޑު ޖޫރިމަނާއެއް އޮތަސް ލައިސެންސް ނުދީ ހިފެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު "ސަން" އަށް ވިދާޅުވީ 18 އަހަރު ފުރޭ ވަރަށް ގިނަ ކުދިން ލައިސެންސަށް އެދި ހުށަހަޅާއިރު ޖޫރިމަނާ އަރާފައި ހުންނަ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ދެއްކުމަށް ދިމާވާ ދަތިތަކުގެ ސަބަބުން ލައިސެންސް ނުނެގި ވަރަށް ގިނަ މީހުން ދުއްވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ މިހާރު ޖޫރިމަނާ އަރާފަ ހުއްޓަސް ލައިސެންސް ދޫކުރެވޭނެ އިނގޭތޯ. ޖޫރިމަނާ މާފު ވަނީއެއް ނޫން. ދައްކަން ޖެހޭ ޖޫރިމަނާ އިންނާނެ. ހަމައެކަނި ލައިސަންސް ދޫކުރެވޭނެ ގޮތެއް މި ފަހިކޮށްދިނީ،" ހިދާޔާ ވިދާޅުވިއެވެ.

ހިދާޔާ ވިދާޅުވީ ޖޫރިމަނާ ނެގުމުގެ ކަންކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިއަށް ގެންދާނެކަމަށެވެ. އަދި އަލަށް ހެދި ގަވާއިދުގެ ދަށުން ޖޫރިމަނާގެ ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ މަތި ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރުވެސް މީރާއަށް ލިބިފައިވާނެކަމަށެވެ.

ހަމައެއާކު ލައިސެންސް ނުދީ ހިފެހެއްޓުމުގެ އެއްވެސް މާނައެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެހެން އެކަން އޮތުމުން ލައިސަންސް ނުލިބިގެން އިތުރު ކުށްތަކަކަށް އަރާ މިންވަރު ދަށްވެގެން ދާނެކަމަށްވެސް ހިދާޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ގަވާއިދަށް ބަދަލުގެނެސް ޖޫރިމަނާ ފައިސާ ހުރި ނަމަވެސް އެފައިސާ ނުދައްކާ ލައިސެންސް ނެގޭ ގޮތަށް ގަވާއިދު ވަނީ އިސްލާހް ކޮށްފައެވެ.

އާ ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުން ފަށައިގެންނެވެ. އަދި މިގަވާއިދު ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ އެމިނިސްޓްރީން ކަނޑައަޅާ، ގަވާއިދު ހިންގާ ފަރާތް ފަރާތްތަކުން ކަމަށްވެސް އެ ގަވާއިދުގައި ބުނެފައި އެވެ.