މާލޭގައި މާރާމާރީތައް ހިނގުން ވަރަށްބޮޑަށް މަދުވެފައި އޮތުމަށް ފަހު ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން ރޭ މަރުވީ ގ. ވޭރު، އަބްދުލް މުހީތު، 21 ކަމަށެވެ.

ފުލުހުން ބުނީ އޭނާ މަރުވީ ރޭ ދަންވަރު 1:45 އެހާކަންހާ އިރު ފިނޭންސް މިނިސްޓްރީ ކައިރިން ތޫނުއެއްޗަކުން ހަމަލާ ދިނުމުން ލިބިފައިވާ ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު ފުލުހުންނަށް މައުލޫމާތު ލިބުނީ ކުއްލި އަކަށް މާލޭގެ ތިން ހަތަރު ދިމާލަކުން ހަމަލާތަކެއް ދިން ކަމަށާއި އެ ހަމާތައް ރޭވިގެން އައީ ކުއްލިއަކަށް ކަމަށެވެ. އަދި އެ ހަމާލާތަކުގައި އެކިއެކި މީސްމީހުންނަށް ކުދި ކުދި ޒަހަމުތައް ވެފައިވާ ކަމަށެވެ.

އޭގެ އިތުރަށް އެންމެ ވަރުގަދަ ހަމަލާއެއް ދިނީ ފައިނޭންސް މިނިސްޓްރީ ކައިރިން ކަމަށާއި އެ ސަރަހައްދުން ހަމަލާދިން މަހީތުގެ ބޮލުގެ އިތުރަށް އެހެން ތަންތަނަށް ވެސް ހަމަލާދީފައިވާ ކަމަށެވެ.