ހަ އަހަރުގައި ގުރުއާން ހިތުދަސްކުރި ތުއްތު ހާފިޒަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި, މަރުހަބާ ވިދާޅުވެއްޖެއެވެ. އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު ބ. ހިތާދޫ، ޑެއިޒީމާގެ، އަމަން އަހުމަދު އާތިފް ޤުރުއާން ހިތުދަސްކުރީ އުމުރުން ހަ އަހަރާއި ނުވަ މަހުގައެވެ.

ރައީސްގެ ދެކަނބަލުން އަމަންއާ ބައްދަލުކޮށް މަރުހަބާ ވިދާޅުވީ، އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ވިދާޅުވީ އެހާ ޅަ އުމުރުގައި އަމަން ކީރިތި ޤުރްއާން ހިތުދަސްކުރީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ވަނީ އަމަން އަށް ތަރުރީފުކުރައްވާފަ އެވެ.

އަދި އަމަންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާައި, އަމަންގެ މައިންބަފައިން ލުބާނާ މުހައްމަދާއި އަހްމަދު އާތިފަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވި އެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އަމަން ޝައުގުވެރިވި ގޮތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އޮޅުންފިލުއްވި އެވެ.

އަމަން ކީރިތި ޤުރުއާން ހިތުދަސްކުރުމާގުޅިގެން އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ދިން ތަށްޓާއި ހަނދާނީ ލިޔުން ރައީސް ވަނީ އަމަންއާ ހަވާލު ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން، އަމަންގެ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ހާއްސަ އިނާމެއް ރައީސް ދެއްވި އެވެ.

އަމަންގެ މައިންބަފައިން ބުނި ގޮތުގައި އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ޤުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެކެވެ. އަދި އަމަންއާ ބައްދަލުކުރައްވައި އެކަމުގެ އަގު ވަޒަންކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޝުކުރު ދެންނެވިއެވެ.

އަމަން، ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށްޓަކައި ހާފިޒުކަމުގެ އިމްތިޙާނުގައި ބައިވެރިކުރެއްވުމަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުން މިހާރުވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅުއްވާފައެވެ.

އެކްސެލް އިންޓަރނޭޝަނަލް ސްކޫލަކީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކޮށްގެން އެމެރިކާގެ ކަރިކިޔުލަމަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އަދި ކޯރ ކަރިކިޔުލަމްގެ ގޮތުގައި ގުރުއާން, އިސްލާމް، ޢަރަބި އަދި ދިވެހިބަސް މި ސްކޫލުގައި ކިޔަވައިދެމުން ގެންދެއެވެ.