15 Jul 2021, 17:00
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން އަންގައިފިއެވެ.
ޖިންސީ ގޯނާ އަދި ރޭޕްގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު މިވަގުތު ހުރީ އިނގިރޭސިވިލާތުގައެވެ. އެ މައްސަލައިގައި އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެހެންނަމަވެސް ހައި ކޯޓުން އެ މައްސަލައިގައި ގާނޫނީ ހަމައެއް ނެތްކަމަށް ބުނެ މައްސަލަ ނުބަލަން ވަނީ ނިންމައިފައެވެ.
ޕީޖީ އޮފީހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެ މައްްސަލައިގައި ސުޕްރީމް ކޯޓުން ސީދާ އަލީ ވަހީދަށް ޗިޓު ފޮނުވާފައިކަން "ސަން" އަށް ވަނީ އެނގިފައެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހުގެ 1:00 އަށް އެ މައްސަލައިގައި އޮންނަ އަޑުއެހުމަށް ހާޒިރުވާން އަލީ ވަހީދަށް އެ ޗިޓްގައި ވަނީ އަންގާފައެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީއިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށެވެ.
އަދި އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީއިން ވަނީ ފާހަގަކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓް ވަނީ މިދިޔަ އަހަރުގެ ތެރޭ ހިފަހައްޓާފައެވެ.
އެހެންނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ދިޔުމަށް އަލީ ވަހީދު ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ސިއްހީ މާހިރެއްގެ ލަފާގެ މަތިން ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސް ތެރޭ އެނބުރި ރާއްޖެ އައުމަށް ޝަރުތުކޮށް އަލީ ވަހީދުގެ ބަދަލުގައި އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުކުރަމަށްފަހު އެވެ.
އެހެންނަމަވެސް ހަތަރު މަސް ފާއިތުވިފަހުންވެސް އަލީ ވަހީދު އެނބުރި ރާއްޖެ އައިސްފައިނުވާއިރު ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދުގެ މައްސަލައިގައި އޮންލައިންކޮށް އަޑުއެހުން ބާއްވަން ފަށާފައެވެ. އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ.