15 Jul 2021, 16:09
އޭޝިއާބައްރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ހޮވިއްޖެއެވެ.
އެގޮތުން އެނާ އަށް ލިބިވަޑައިގެންފައިވަނީ 19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" ގެ އެވޯޑެވެ.
މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންފައިވަނީ އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ކުންފުނިތަކުގެ އިސް ވެރިންގެ ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގަ ފާހަގަކުރެވޭތީކަމަށް އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްއިން ވަނީ ބުނެފައެވެ.
އެގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހަވާލުވިފަހުން، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކުކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ކުންފުނި ބަދަލު ކުރެވުން އެއީ އޭނާއަށް އެވޯޑް ލިބުނު އެއް ސަބަބު ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މީގެ އިތުރުން ހަކަތަ އުފެއްދުމަށްޓަކައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އިޔާދަކުރަނިވި ހަކަތައާއި ދިމާލަށް ކުންފުނި ގެންދިޔުމަަށް މުޣުނީގެ އިސްނެންގެވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައްވެސް އެ އެވޯޑް އޭނާއަށް ލިބުމަށް މަގުފަހި ސަބަބުތަކުގެތެރޭގައި ހިމެނެއެވެ.
ހަމައެެއާއެކު ކޮވިޑްގެ ހާލަތުގައިވެސް، ކުންފުނިން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫތައް ލަސްކަމެއްނެތި ކުރިޔަށްގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރެވުނު ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފު ސްޓެލްކޯއިން ހޯދުމަކީ ވެސް އެ އެވޯޑް އޭނާއަށް ކާމިޔާބުވި ސަބަބެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.
ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެގްސެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަށް މުޣުނީ ހޮވިވަޑައިގެންފައިވާއިރު، މިދިޔަ އަހަރު އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމާޖިންގ ލީޑާ އޮފް ދި އިޔަރގެ އެވޯޑްވެސް މުޣުނީއަށް ވަނީ ލިބިވަޑައިގެންފަ އެވެ.