ފޮރިން މިނިސްޓްރީގެ އާ އިމާރާތުގައި ހުރި އެކި މާލަންތަކަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންގެ ނަންތަކުން ނަން ދީފިއެވެ.

މަރާމާތަށްފަހު މިއަދު ހުޅުވި ފަތުހުﷲ ޖަމީލް ބިންޑިންގެ މާލަންތަކާއި ހޯލްތަކަށް ކުރީގެ ފޮރިން މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅުންގެ ނަންފުޅުތަކުން ނަން ދެއްވުމަށް ނިންމެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އެގޮތަށް މިނިސްޓަރު ނިންމެވީ ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދާއިމަށް ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ނަންފުޅުތަކަށް ނިސްބަތްކޮށްކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެގޮތުން އެންމެ ފުރަތަމަ މިނިސްޓްރީގެ އިމާރާތަށް ވަންނަ އިރު އޮންނަ ހޯލަށް ނަންދެވިފައިވަނީ ރާއްޖޭގެ ފުރަތަމަ ހާރިޖީ ވަޒީރު ހަސަން ފަރީދުގެ ނަންފުޅަށް ނިސްބަތްކޮށް، "އަލްއަމީރު ހަސަން ފަރީދު ދީދީ މާލަން" ގެ ނަމުންނެވެ.

ހަސަން ފަރީދު އަވަހާރަވީ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެހީ ހޯއްދެވުމަށް ދިވެހިރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުން މަތީގައެވެ.

މީގެ އިތުރުންވެސް އާ އިމާރާތުގައި ހުރި އެހެން ބައެއް މާލަންތަކަށް ދިން ނަންތަކުގެ ތެރޭގައި އަލްއަމީރު އިބްރާހިމް ނާސިރު ކޮންފަރެންސް ހޯލް، އަލްއަމީރު މުހައްމަދު އަމީން މާލަން ހިމެނެއެވެ. އަދި އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު މާލަން، އޮނަރަބަލް އަޙުމަދު ޒަކީ މާލަން އަދި ޑރ. އަބްދުއްސަމަދު އަބްދުﷲ މާލަން ހިމެނެއެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް 2019 ވަނަ އަހަރު މަރާމާތަށް ބަންދުކުރުމަށްފަހު މިއަދު ހުޅުއްވައިދެއްވީ އެކަމަށްޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިމާރާތް މަރާމާތުކޮށްފައިވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.