އެކި ދާއިރާތަކުން ހިއުމަން ރިސޯސް (އިންސާނީ ވަސީލަތް) ބިނާކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރުގެ އެހީ ދިވެހި ސަރުކާރަށް ދީފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި, ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް 110 މިލިއަން ޔެން (988,000 ޑޮލަރު)ގެ ހިލޭ އެހީ ދޭން ވަނީ ނިންމައިފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޖަޕާން ސަރުކާރުން މި ފައިސާގެ އެހީ ދިނުމުގެ މަގްސަދަކީ ރާއްޖޭގެ ހިއުަން ރިސޯސް ތަރައްގީކުރުމަށްޓަކައި ހަ ސްކޮލަޝިޕަށް ފަންޑުކުރުމެވެ.

މި މަސައްކަތުގެ އިނީޝަލް އެއްބަސްވުމުގައި ސޮއިކުރީ 2020 ވަނަ އަހަރުއެވެ. އަދި މިއީ މި މަސައްކަތް ކުރުމަށް ޖަޕާނުން ރާއްޖެއަށް ފައިސާ ދޭ ދެވަނަ ފަހަރު ކަމަށް މިނިސްޓްރީން ބުނެއެވެ. މިއަދު ހަވާލުކުރި ފައިސާގެ ސަބަބުން ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕްތައް މެދުނުކެނޑި 2022 ވަނަ އަހަރުވެސް ކުރިއަށް ގެންދެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޖަޕާން އެމްބަސީގެ އިތުރުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ) ގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.