އެމްޑީޕީއަށް އެންމެ ރަނގަޅުގޮތަކީ ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުންކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން އިއްތިހާދެއް ހެދުމަކީ މުޅި ރާއްޖެއަށްވެސް އަދި އެމްޑީޕީއަށްވެސް އެންމެ ފައިދާހުރި ގޮތްކަމަށެވެ. އެހެންނަމަވެސް އެފަދަ އިއްތިހާދެއް ހެދުމަށްޓަކައި ޕީޕީއެމްއިން ގެންނަންޖެހޭ ބައެއް ބަަދަލުތަކެއް އެބަ ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން މަޖިލީހުގައި މިހާރު އޮތް ނަފްރަތުގެ ބިލަށް ތާއިދުކުރާ، އިންޑިއާ އައުޓް ފަލްސަފާއާއި ދުރު އަދި މިއުޒިކަށްވެސް އެއްބަސްވާ ބަދަލުތަކެއް ޕީޕީއެމް އިން ގެނެސް، އެ ޕާޓީއާއެކު އެމްޑީޕީއިން އިއްތިހާދެއް އުފެއްދުމަކީ ރާއްޖެއަށާއި، އެމްޑީޕީއަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ނަޝީދު ވަނީ މެސެޖުގައި ވިދާޅުވެފައެވެ.

"ބައެއް އެމްޑީޕީ މެމްބަރުންނަށްވެސް އަދި ޕީޕީއެމް މެމްބަރުންނަށްވެސް އޮޅުން އަރާތީ އަނެއްކާވެސް ދަންނަވާލަން. ޕީޕީއެމްއަށް ބަދަލުތަކެއް ގެނެވި އަދި ގެނެވޭ ބަދަލުތަކަކީ އިންޑިއާ އައުޓް ގެ ފަލްސަފާ އާއި ދުރު، އަދި ނަފްރަތުގެ ބިލަށް ތާއީދުކުރެވޭ އަދި މިއުޒިކަށްވެސް އެއްބަސް ވެވޭ ބަދަލުތަކަކަށްވެ އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް އާއި އެއްބަސް ވެވޭ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުން އެއީ ރާއްޖެއަށާއި ޕާޓީއަށް [އެމްޑީޕީއަށް] އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑު ދެކެން." ރައީސް ނަޝީދު ގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު އިތުރަށް ސިޔާސީ ގޮތުން ދެން ނުހުރެވޭނެކަމަށާއި ޕީޕީއެމް އަދި ރައީސް ޔާމީން ދީނީގޮތުން މެދުމިނަށް ތާއިދުކުރައްވާނަމަ އެބޭފުޅުންގެ އެހީތެރިކަން ހޯއްދަވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައީސް ނަޝީދާއެކީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން މަސައްކަތް ނުކުރާނެކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އިތުރުން ދެ ޕާޓީގެ އިސްވެރިންވެސް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ ރައީސް ޔާމީނަށް ހެސްކިޔާފަ އަނިޔާކުރަމުން، ރައީސް ޔާމީންގެ އެހީއަށް އެދުނީމަކާ އެވާހަކަ ދިމައެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެ ކޯލިޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ފިކުރަކީ ރައީސް ޔާމީނާއި ޕީޕީއެމްގެ ފިކުރާ އަޅާބަލާއިރު އުޑާ ބިމާހާ ތަފާތު ސިޔާސަތުތަކެއް ކަމަަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ފިކުރަކީ ފަނާކުރުވަނިވި ފިކުރެއްކަމަށް ސިފަކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތްކުރުމުގެ ހިޔާލެއް ކުޑަކޮށްވެސް ނުގެންގުޅޭކަމަށާއި ނަޝީދަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިހާރު އުފައްދަމުންދާ އާ ޕާޓީތަކުގެ ތެރެއިން ޕާޓީއަކަށް އެމަނިކުފާނުގެ ސިޔާސަތުތައް ވައްދައިގެން ކުރިއަށް ދިއުންކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.