ރައީސް ވަހީދުގެ މަގުޗާޓުގެ މަޝްވަރާތައް ވިލަރެސް ކުރުމުގެ އިސް ބޭފުޅަކަށް ކުރީގެ ވަޒީރު އަދި ހިއުމަން ރައިޓްކޮމިޝަންގެ ރައީސް ގ. ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ ހަމަޖައްސަން ނިންމަވައިފި އެވެ.

މި ގޮތަށް ނިންމެވީ މަގުޗާޓް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައްތަކާބެހޭގޮތުން ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ބައްދަލުކުރެއްވުމަށް ފަހު ކުރި މަޝްވަރާތަކު އެވެ. މިއަދު ބޭއްވެވި ޕާޓީތަކުގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވާން އެމްޑީޕީއަށް ވެސް ދަޢުވަތު އެރުވިއެވެ. އެހެންނަމަވެސް، އެ ޕާޓީން ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ. އަދި ބައިވެރިނުވި ސަބަބެއްވެސް ނާންގަ އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި މަޝްވަރާތައް ފެށުމުގެ ކުރިން، މުޖުތަބާއާ ދޭތެރޭ އެމްޑީޕީން ދެކޭގޮތެއް ބެލުމަށް އެ ޕާޓީއަށް ސިޓީއެއް ފޮނުވަން ވެސް ނިންމި އެވެ.