15 Jul 2021, 11:59
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށް, "ފަތުހުالله ޖަމީލް ބިލްޑިންގް"ގެ ނަމުގައި އެތަން އިފްތިތާހުކޮށް އަލުން ހުޅުވުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އދގެ އެންމެ މަތީ މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިންތިހާބުވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެވިފައިވާކަން މުޅި ދުނިޔެއަށް ދައްކައިދޭ ހެއްކެއް ކަމަށެވެ.
އަދި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ ހުރިހާ ގައުމެއްގެވެސް މިނިވަންކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖެއިން އަބަދުވެސް އަޑު އުފުލާނީ، މޫސުމީ ބަދަލުތަކުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް. އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް. ރާއްޖެއިން އަބަދުވެސް ދަމަހައްޓާނީ، ޑިމޮކްރެސީގެ ހަމަތަކާ ސުލްހަޔަށް އިސްކަން ދިނުމުގެ ސިޔާސަތު،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ ހާރިޖީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ހަމަތަކާއި ސިޔާސަތުތައް މިއަދު މުޅި ދުނިޔެ ބަލައިގެންފި ކަމަށެވެ.
އަދި ބައިނަލްއަގުވާމީ ބޮޑު އަގުލަބިއްޔަތަކާއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވުމަކީ އެ ސިޔާސަތުތައް ރާއްޖެއިން ނަގަހައްޓާކަން ދުނިޔެއަށް ސާބިތުކޮށް ދެއްވުމަށް މިނިސްޓަރު ގެންގުޅުއްވާ ހިކުމަތްތެރި ސިޔާސަތުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ހާރިޖީ ސިޔާސަތު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެމަނިކުފާނުގެ ހާރިޖީ ޓީމު އެކުރައްވާ މަސައްކަތް އަޅުގަނޑު ހެޔޮހިތުން ބަލައިގަންނަން. ރާއްޖޭގެ ހާރިޖީ ޓީމުން ބައިނަލްއަގްވާމީ މަޝްރަހުގައި މިހާރަށްވުރެ މާ އަލިގަދަ ހިދުމަތުން ދިވެހިންގެ ނަން ފަހުރުވެރިކޮށްދެއްވާނެކަމަށް އަޅުގަނޑަށް ޔަގީން." ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ 2005 ވަނަ އަހަރު އެ ބިމުގައި ހުރި އިމާރާތްވެސް ބިނާކުރީ ޗައިނާއިންކަން ފާހަގަކުރައްވާފައެވެ. އަދި 2019 ވަނަ އަހަރު ފެށި އެ އިމާރާތް މަރާމާތުގެ މަސައްކަތްވެސް ކޮށްދެއްވި ޗައިނާއިންކަން ފާހަގަކުރައްވައި، އެކަމަށް ޗައިނާއަށް ޝުކުރުއަދާކުރައްވާފައެވެ.