15 Jul 2021, 10:23
ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކޮށް, "ފަތުހުالله ޖަމީލް ބިލްޑިންގ"ގެ ނަމުގައި އެތަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ ބިލްޑިންގް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މިހާރުގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުالله ޖަމީލުގެ އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު މ. ޒަމާލިކު, ފަތުހުﷲ ޖަމީލަށް ހާއްސަކޮށް، "ފަތުހުﷲ ޖަމީލް ބިލްޑިންގް" އަށް ބަދަލުކޮށްފައިވަނީ އެމަނިކުފާނުގެ ހިދުމަތްތައް ފާހަގަކޮށް އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތަކީ ފަތުހުالله ޖަމީލް ފަރުމާކުރެއްވި އިމާރާތެކެވެ. ދެހާސް ފަސްވަނަ އަހަރު ހުުޅުވި އެ އިމާރާތް މަރާމާތުކުރުމަށްޓަކައި ބަންދުކޮށް, އެ މިނިސްޓްރީ ހިންގުން ވަގުތީ އިމާރާތަކަށް ބަދަލުކުރީ 2019 ވަނަ އަހަރުއެވެ. އަދި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކޮށްދިނީ ޗައިނާ ސަރުކާރުންނެވެ.
"މި އިމާރާތް ފަރުމާކޮށްފައި ިވަނީ ތިން ރިޔަލެއްގެ މައްޗަށް އެއީ އޮނަރަބަލް އަލްއުސްތާޒު ފަތުހުﷲ ޖަމީލުގެ ވިސްނުންފުޅެއް. އެމަނިކުފާނަކީ ކުރެހުންތެރިއެއް. އެމަނިކުފާނަކީ ލިޔުންތެރިއެއް. އެމަނިކުފާނަކީ ޅެންވެރިއެއް. އެމަނިކުފާނަކީ މުގައްރިރެއް. އެމަނިކުފާނަކީ ޓީޗަރެއްވެސް މެ," 27 އަހަރު ވަންދެން ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުالله ޖަމީލްއާ ބެހޭގޮތުން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ވިދާޅުވިއެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ އދ
ޝަހިދު ވިދާޅުވީ މި އިމާރާތް ކުރެއްސެވުމުގެ މަސައްކަތް ކުރިޔަށް ގެންދެވި އިރު ފަތުހުﷲ ޖަމީލުގެ ވިސްނުންފުޅުގައި އޮތީ ދިވެހިރާއްޖޭގެ ހާރިޖީ ނައު ބައިނަލްއަގްވާމީ އެކި އެކި މައިދާންތަކުގައި އެކި ހާލަތްތަކުގައި ދުވާނެކަމާ ހިފަހައްޓާނެކަމުގެ މައްޗަށް އޮތް ވިސްނުން ފުޅުކަމަށެވެ.
ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަން 14 އޭޕްރިލް 1977 ވަނަ އަހަރު ކުރައްވަމުން ގެންދަވަނިކޮށް ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 14 މާޗު 1978 ގައި ރާއްޖޭގެ ހާރިޖީ ވަޒީރުކަމަށް ފަތުހުالله ޖަމީލް އައްޔަނުކުރެއްވިއެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް އެ އަހަރުގެ ނޮވެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް ފޮރިން މިނިސްޓަރުކަމުގައި ބެހެއްޓެވީ ފަތުހުالله ޖަމީލެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ 27 އަހަރަށްފަހު, 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަތުހުالله ހުންނެވީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައެވެ.
ފަތުހުالله ޖަމީލް އަވަހާރަވީ 2012 ވަނަ އަހަރުގައި, އުމުރުން 69 އަހަރުފުޅުގައި, ސިންގަޕޫރުގައެވެ.