ރާއްޖޭގެ ރީތި ރަށްތަކުގެ ބޮޅުތަކަށް އެމުނިފައިވާ ރަށްތަކުގެ ތެރެއިން ނ.ކުޑަފަރީއަކީވެސް ފާހަގަކޮށްލެވޭ ހިތްގައިިމު ރީތި ރަށެކެވެ. ތިމާވެއްޓާ ރައްޓެހި މި ރަށަކީ ގުދުރަތުގެ ދިރުންތަކާވެސް އެހާމެ ރައްޓެހި ރަށެކެވެ. އެކަން ހާމަކޮށްދިނީ އިއްޔެ އެ ރަށަށް މެހުމާނެއްގެ ގޮތުގައި ޒިޔާރަތްކުރި ވެލައެކެވެ.

މިކަމާ ބެހޭގޮތުން "ސަން" އަށް އެ ރަށުން މީހަކު ބުނީ އިއްޔެ އެ ރަށަށް ވެލައެއް އަރާފައިވަނީ މީގެ ކުރިން އެ ރަށަށް ވެލާ އަރާފައިނުވާ ސަރަހައްދަކަށް ކަމަށެވެ.

ނ. ކުޑަފަރީއަށް އެރި ވެލާ

" އެ ވެލާ އަރާފައި އޮތީ މިސްކިތް މަގުކޮޅަށް. ދެން ވަރަށް ގިނަ މީހުން ބަލަންވެސް ދިޔަ އެގަޑީގައި. އާންމުގޮތެއްގައި ފަތިސް ނަމާދުކޮށްގެން ރަށު ވަރަށް ގިނަ މީހުން ކަސްރަތަށް ގޮސް އުޅޭނެ. ދެން އެގޮތަށް ދިޔަ ދެމަފިރިއަކަށް އަސްލު އެ ވެލާ ފެނުނީ." އޭނާ ކިޔައިދިނެވެ. މީގެ އިތުރުން އޭނާ ބުނީ އޭނާއަށް އެ ވެލާ ފެނުނު އިރުވެސް އެ ވެލާ އޮތީ ބިސް އަޅަން ކޮނެފައިވާ ވަޅުގެ ތެރޭގައިކަމަށެވެ.

ދުވަހުގެ އިރު ރަށަށް އެރުމާއެކު ރަށުތެރޭ މީހުން ހޭލަމޭލަވެއުޅުން ވެސް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ރަށަށް ޒިޔާރާތްކުރި މި ވެލާ އެންމެ ފުރަތަމަ ދުށް މީހެއްގެ ގޮތުގައި ހުރީ އެ ރަށު އަހުމަދެވެ. އަހުމަދު "ސަން" އަށް ބުނީ ބިސްއަޅާ މޫސުމުގައި އެ ރަށަކީ ވެލާ އަރާ ރަށެއްކަމަށެވެ. އަދި އާންމުގޮތެއްގައި ވެލާ އަރާ އުޅެނީ ރަށުގެ އުތުރު ފަރާތަށް ކަމަށެވެ.

" އަޅުގަނޑުވެސް ދެން ފަތިސް ނަމާދުކޮށްލައިގެން ހިނގަންދާ މީހަކަށް ވާތީ ދެން ދެވުނީ އެ ދިމާއަށް. ދެން ވަރަށް އެހެން ކަހަލަ ކަމަކަށްތާ ވާނީ. ބޮޑު މަގެއްގެ ކޮޅަށް ހަމަ އަރާ އޮތީ. ހައެއްޖަހާ ބޮޑުވެފައި އެއިރުހުރީ. އާންމުގޮތެއްގައި ވެލައަކީ ރޭގަނޑު އަރާ އެއްޗެއް. އެ އެއްޗަށް އޮޅިގެން ކަންނޭންގެ އެއީ. ހަގަޑި ފަނަރަ ، ހަގަޑި ބައި ހާއިރު އެއަށް ރަށުން ފޭބުނީ." އަހުމަދު ކިޔައިދިނެވެ.

މި މަންޒަރު ވެގެންދިޔައީ ރަށުގެ ކުޑަކުދިންނަށްވެސް ވަރަށް ތަފާތު މަންޒަރަކަށެވެ. އެގޮތުން މި މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންވެސް އެއްވެފައިވެއެވެ. އެ ރަށުން "ސަން" އާ މި ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ ހުރިހާ ކުދިންނަށްވެސް ވެލައާ ބެހޭ މައުލޫމާތު އެ ވަގުތު ދީފައިވާކަމަށެވެ. އަދި ވެލައަކީ ހިމާޔަތްކުރެވިފައިވާ އެއްޗެއްކަން ވެސް ރަށުގެ ހުރިހާ މީހުން ދަންނަ ކަމަށާއި އެހެންކަމުން އެ ވެލައަށް ގެއްލުމެއް ދީ އެއަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. ހަމައެއާއެކު ވެލާ އެޅި ބިސްތަކާ ކުޅުންފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށެވެ. އަދި ކުދިންނަށްވެސް މިކަންކަމުގެ ވާހަކަ ކިޔައިދޭ ކަމަށެވެ.

ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަދިވެސް އެ ރަށަށް ވެލާ އަރަނީ އެއީ އެ ރަށުން އެފަދަ ތަކެއްޗަށް ހިމާޔަތް ލިބޭތީއެވެ. އަދި ރަށުގެ ވެށި ބަލަހައްޓާ ، އެފަދަ ތަކެއްޗަށް އެކަށީގެންވާ މާހައުލެއް އަދިވެސް އޮތީމައެވެ.

ދުވަސްތަކަކަށް ފަހު އަނެއްކާވެސް ކުޑަފަރިއަށް ވެލައެއް އަރާފައިވާއިރު މިފަހަރު މި މެހުމާނާގެ ފެނިލުމުން ރަށުގެ ރައްޔިތުންނަށް ވަނީ އުފާވެރިކަން ގެނެސްދީފައެވެ.