ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑު އަލުން އެކުލަވާލުމުގެ ގޮތުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިންގް ޑިރެކްޓަރުން ވަކިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އާ ސަރުކާރުން ސަރުކާރުގެ ކުންފުނިތައް ރިވައިސް ކުރެއްވުމުގެ ގޮތުން އަލުން އެ ކުންފުނިތަކުގެ ބޯޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުގެ ޗެއާމަނުންނާއި އެމްޑީން މިހާރު ވެސް ވަކިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ މިހާތަނަށް ވަކިކުރެއްވި ބޭފުޅުންގެ ތެރޭގައި ސުޓެލްކޯގެ ޗެއާމަން ހަސަން ޒާހިރު (ރިފް ސައިޑް ޒާހިރު) އާއި، އެސްޓީއޯގެ ޗެއާމަން ފާރޫގު އުމަރާއި މިފްކޯގެ ޗެއާމަން މުހައްމަދު ޝަފީގާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން ހުސެއިން ނިޒާރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ ޗެއާމަން ސަރަނގު އާދަމް މަނިކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިބްރާހިމް އާއި ތިލަފުށި ކޯޕަރޭޝަންގެ ޗެއާމަން ޔޫޝައު ސައީދު އާއި ވާކްސް ކޯޕަރޭޝަންގެ ޗެއާމަން އުމަރު އަބްދުއް ރައްޒާގާއި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައިމަން ހޯކިންސް އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ޗެއާމަން އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާޒްލީ ޝަފީގު ހިމެނިވަޑައިގެންނަވާ ކަމަށެވެ.

މީގެ އިތުރުން މަގާމުން ވަކިކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ސަރުކާރުން އުފައްދާފައިވާ ހެލްތް ކޯޕަރޭޝަންތަކާއި ޔުޓިލިޓީސް ކުންފުނިތަކުގެ ޗެއާމަނުންނާއި އެމްޑީން ވެސް ހިމެނެ އެވެ.

އޮފިޝަލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ވަކިކުރާނީ ކިތައް ބޭފުޅުން ކަމެއް އަދި އެކުންފުނިތަކުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ކިހިނެއް ކަމެއް ސީދާ ދަންނަވަން އެނގިވަޑައިގެންނަ ވާނީ މިހާރު ކުރިއަށްގެންދަވާ ރިވައިސް ކުރުމުގެ މަސައްކަތް ނިމުމުން ކަމަށާއި އެ މަސައްކަތް ނިމޭ އިރު ބައެއް ކުންފުނިތަކުގައި ކުރިން ވެސް ތިއްބެވި ބޭފުޅުން ތިއްބެވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އިތުރު ކުންފުނިތަކެއް އުފައްދާ ނުވަތަ މިހާރު ހުރި އެއްވެސް ކުންފުންޏެއް އުވާލުމުގެ ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅޭ ކަމަށް ވެސް އޭނާ އޮފިޝަލް ވިދާޅުވި އެވެ.

"ސަރުކާރުގެ ކުންފުނިތަކުން މިވަގުތަށް ވަކިކުރެއްވުމަށް ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅުން ވަކިކުރައްވަމުން އެގެންދަވަނީ" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އަތޮޅުތަކުގެ ތަރައްޤީ އަށާއި މުޅި ރާއްޖޭގެ ތަރައްގީއަށް ޓަކައި ވަރަށް ގިނަ ކުންފުނިތަކެއް އުފައްދަވާ އެތަންތަނަށް ސިޔާސީ މަގާމުތަކެއް ވަނީ އުފައްދަވައިފަ އެވެ.