15 Jul 2021, 01:16
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ޓެރެރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ސަބަބު ދެނެގަތުމަށް މަޖިލީހުގެ 241 ކޮމިޓީ އިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓުގެ ކޮޕީއެއް ރައީސް ނަޝީދުގެ އާއިލާއަށް އަރުވައިފިއެވެ.
އިންކުއަރީ ރިޕޯޓް ރައީސް ނަޝީދުގެ އާއިލާއަށް އެރުވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވައިލި އިންކުއަރީ ރިޕޯޓްގެ ކޮޕީއެއް އާއިލާއަށް އެރުވުމުން އެކަމަށް އުފާ ކުރައްވައި ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް ޝުކުރު އަދާކުރައްވާފައެވެ.
އިންކުއަރީގައި އެކުލަވައިލި ރިޕޯޓްގެ ކޮޕީއެއް ރައީސް ނަޝީދުގެ އާއިލާއަށް އެރުވިއިރު މީގެ ކުރިން ވަނީ މި ރިޕޯޓުގެ ކޮޕީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ރައީސް ނަޝީދަށްވެސް އަރުވާފައެވެ.
އެ ރިޕޯޓް އެރުވުމުން ރައީސް ސޯލިހު ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ. އަދި އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.