ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު މާލެއިން ގޯއްޗެއް ބައްލަވައިގަތް ގޮތް އޮޅުން ފިލުވައި ދެއްވައިފި އެވެ.

މާލެއިން ގޯއްޗެއް ބައްލަވައިގެންނެވި ގޮތް އަމްރު ކިޔައިދެެއްވާފައި މިވަނީ، އެކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އަމްރަށް އެސްޓީއޯއިން ލިބޭ މުސާރައިން އެވަރުގެ ބިމެއް ނުގަނެވޭމެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

އައްނަބީލާ ހަބީބާ ހުސައިން ހަބީބުގެ ގެކޮޅު، ގ. ވައިލެޓް އަބީރު، އަމްރު ބައްލަވައިގަތީ 8.4 މިލިއަން ރުފިޔާ އަށެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން ތިން ބުރީގެ އިމާރާތެއް ހަދައި ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވެފައިވަނިކޮށް އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށެވެ.

ނަމަވެސް އެ ގޯތި އެހެންމީހަކު ގަނެފިނަމަ އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅީ ކަމަށް އަމްރު ވިދާޅުވި އެވެ.

"ވެރިފަރާތުން އަޅުގަނޑަށް ވިއްކަން ބޭނުންވުމުން އަޅުގަނޑު ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން، އަޅުގަނޑު ކޮށްފަވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު އަދި 2017 ވަނަ އަހަރު ކޮށްފަ އޮތް އިންވެސްޓްމެންޓަކަށް ވިޔަސް މިވަގުތު ސިޔާސީ މަގާމެއްގަ ހުރުމުން އޭރު، 2017 ގަ އިންވެސްޓްކޮށްފަ ހުރި ފައިސާ އަކީވެސް އަޅުގަނޑު މަސައްކަތް ކޮށްގެން ހޯދާފަވާ ހަލާލު ފައިސާކަން ޔަގީންކުރުމަށް ފަހު، 2020 ވަނަ އަހަރު ލޯނު އެޕްރޫވްވި،" އަމްރު ވިދާޅުވި އެވެ.

އަމްރުގެ އަތުގައި އޮތް ގަޑިއާއި ކާރާ ބެހޭ ގޮތުން އޮންލައިން ނޫހެއްގައި ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ އެ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށެވެ. އަދި ގަޑި އަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އަމްރު ތުރުކުރައްވާ ގަޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް އެނގިހުރެވެސް މީހުންގެ އަގު ވައްޓާލަން ލިޔުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅާލައި ސާފު ކޮށްލުމަކީވެސް ނޫސްވެރިކަމުގެ އެއް އަސާސް ކަމަށް އަމްރު ވިދާޅުވި އެވެ.