18 Feb 2012, 18:13
ރާއްޖޭގެ ޓޫރިޒަމް އާ ދެކޮޅަށް ކެމްޕޭންތަކެއް ހިންގާ ކަމަށް ބުނެ އެކަން ބަލައި ވަގުތުން ފިޔަވަޅު އެޅުމަށް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މަޓާޓޯ އިން ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލައިފި އެވެ.
އެ ޖަމްއިއްޔާ އިން އެގޮތަށް ގޮވާލީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އިނގިރޭސިވިލާތުގެ ސޭލްސް ބަރީއަށް ކަޑައަޅުއްވާފައިވާ ހުންނެވި ކޮންސިޔުލޭޓް ހާޑިން ހަމް ރާއްޖޭގެ ޓޫރިސްޓު ރިސޯޓްތައް ބޮޔެކޮޓް ކުރުމަށް ގޮވާލުމާ ގުޅިގެންނެވެ.
ހާޑިންހަމް އިސްވެ ހުންނަވައި "ފްރައިންޑްސް އޮފް މޯލްޑިވްސް"ގެ ބަޔާނަށް ރައްދުދެމުން މަޓާޓޯ އިން އާންމު ކުރި ބަޔާނެއްގައި ބުނަނީ ފްރެންޑްސް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ ޓޫރިޒަމް ހަލާކުކޮށްލަން މަސައްކަތް ކުރާ ބަޔެއް ކަމަށާއި ރިސޯޓްތައް ބަޔޮކޮޓްކުރަން ހާޑިންހަމް ގޮވާލުމަކީ އެ ސިލްސިލާގެ ބޮޅެއް ކަމަށެވެ.
"ރާއްޖޭގެ އިގްތިސޯދުގެ ތިންބައިކުޅަ އެއްބައި ބަރޯސާވާ ޓޫރިޒަމް ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދައިގެން ނުވާނެ އެވެ. އެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރަ މެވެ،" އެ ބަޔާނުގައިވެ އެވެ. "ރާއްޖޭގެ އެތައް ރިސޯޓެއް ތަރައްގީ ނުކުރެވިވާ ދުވަސްވަރެއްގައި ފަތުރުވެރިކަމުގެ ސިނާއަތާ ދެކޮޅަށް ކުރެވޭ މިފަދަ ނޭދެވޭ ކެމްޕޭންތައް ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅު ވަގުތުން އެޅުމަށް ސަރުކާރަށް ގޮވާލަމެވެ،"
ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއަށް ތަފާތު ސިޔާސީ ކަންތައްތައް ގުޅުވުމަކީ ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް ބުނަމުން އެ ބަޔާނުގައި ބުނަނީ އޭގެ ސަބަބުން އެތައް ބަޔެއްގެ ވަޒީފާތަކަށް ބުރޫ އަރާ ރާއްޖޭގެ އިގްތިސޯދު އަދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
"... އަދި ރާއްޖޭގެ އެންމެ ގިނަ މީހުން ވަޒީފާއަދާކުރާ ސިނާއަތަކީ ވެސް ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައި ވާތީ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުންއަނދަވަޅަކަށް ވެއްޓިއްޖެ ނަމަ މުޅިގައުމުގެ އިގްތިސޯދު ހަލާކުވެ ދިވެހީން ބަނޑަށް ޖެހޭނެތީއެވެ،" ކަންބޮޑުވުން ފާޅުކުރަމުން މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ބުނަނީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އަންނަ ޔޫރަޕުން ރާއްޖެ އަންނަ މީހުންގެ އަދަދު މެދުވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި އެފަދަ ނެގެޓިވް ކެމްޕޭންތަކުގެ ސަބަބުން އިންޑަސްޓްރީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންވާނެ ކަމަށެވެ.
"އޭގެ ސަބަބުން ދިވެހި ޓްރެވެލް އެޖެންޓުންނަށް ބޮޑެތި ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.