ކުރިއަށް އޮތް އީދު ބަންދަށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ހުއްޓާލާނެކަމަށެވެ. އަދި އަލުން ވެކްސިން ޖަހަން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އީދު ބަންދަށް ހުރިހާ ވެކްސިނެއްގެވެސް ވެކްސިނޭޝަން، މާލެ ސަރަހައްދުގައި ވެކްސިނޭޝަން ހުއްޓާލެވޭނެ. އީދު ބަންދަށްފަހު އަޅުގަނޑުމެން އަލުން ހުޅުވާލާނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ހުޅުވަން ކައިރިވީމަ އަޅުގަނޑުމެން ތާރީހު އިއުލާންކުރުމާއެއްކޮށް ހަމަ ބުކިންއަށް އެޕޮއިންޓްމެންޓް ހެދުމަށްވެސް ހަމަ ހުޅުވާލާނަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިހާރު އެޕޮއިންޓްމެންޓް އުސޫލުން ވެކްސިން ޖަހައިދެނީ ހަމައެކަނި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށެވެ.

ކުރިއަށް އޮތް އީދު ބަންދަށް ވެކްސިން ޖެހުން މެދުކަނޑާލާއިރު މިއަދު ޑރ. ނަޒްލާ ވަނީ ރާއްޖޭގެ އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މިހާރު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާކަަމަށް އިއުލާންކޮށްފައެވެ.