14 Jul 2021, 18:41
ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ދެވަނަ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭކަމަށް ހެލްތު އިމަޖެންސީ އޮޕަރެޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ހުޅުމާލޭގައި ކޮވިޑަށް ފަރުވާދޭން އިތުރު ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާކަން މޭ 25 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ވަނީ ހުޅުމާލޭގައި މިހާރު ހުރި އިމާރާތެއް 270 އެނދުގެ ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަން ނިންމާފައިވާކަން އޭރު އިއުލާންކުރައްވާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން އެ ފެސިލިޓީގެ މަސައްކަތް ކިހާ ހިސާބަކަށް ކުރިއަށް ގޮސްފައިވޭތޯ ސުވާލުކުރުމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެ ފެސިލިޓީގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ފެސިލިޓީގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށެވެ. އޭގެ ތެރޭގައި އެ އިމާރާތުގެ އެތެރޭގެ ބައެއް މަސައްކަތްތަކާއި އެތަނަށް ބޭނުންވާ ސާމާނާއި މެޑިކަލް އިކުއިޕްމެންޓް އިންސްޓޯލް ކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއްކަހަލަ އެތެރޭގަ ހުރި ކަންކަން ރަނގަޅުކުރުމާ، އަދި އެތަން އަޅުގަނޑުމެން މެޑިކަލް ފެސިލިޓީއެއް ގޮތަށް ބޭނުންކުރެވޭ ގޮތަށް އެތަނުގެ އިކުއިޕްމެންޓާ އެއްޗިހި އިންސްޓޯލް ކުރުމާ މިކަހަލަ މަސައްކަތްތައް އަދި ކުރިއަށް އެބަ ގެންދޭ، އަދިވެސް މަސައްކަތް ނުއެއް ނިމޭ، މަސައްކަތް ކުރިއަށް ދަނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހުޅުމާލޭގައި ދެވަނަ ކޮވިޑް ފެސިލިޓީއެއް ގާއިމުކުރަނީ އޮރެންޖް ހިޔާ އިމާރާތުގައެވެ. އިތުރު ކޮވިޑް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރަން ނިންމީ މިހާރު ހުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި މައްސަލަތަކުގެ ސަބަބުންކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިހާރު ހުރި 276 އެނދުގެ ފެސިލިޓީގައި ޖާގައިގެ ދަތިކަން ކުރިމަތިވެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާތައް ވަނީ މީގެ ކުރިންވެސް ފެންމަތިވެފައެވެ. އަދި ކޮވިޑުގެ ކޭސްތައް އެންމެ ގިނަވި މިދިޔަ އޭޕްރިލް އަދި މޭ މަސްތެރޭ އެ ފެސިލިޓީ ފުރުމާ ގާތްވިއެވެ.