މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކަށް ދަތުރުކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުމަކަށްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މީގެ ކުރިންވެސް އަމަލުކޮށްފައިވާނީ ހަމަ އެފަދައިން ކަމަށެވެ. އެހެންނަމަވެސް ފަހުން އާންމުންގެ މެދުގައި މިކަމާ ގުޅިގެން ސުވާލު އުފެދިފައިވާތީ އެކަން އޮތްގޮތް ޑރ. ނަޒްލާ ވަނީ ސާފުކޮށްދެއްވާފައެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ އެރަށެއްގައި ކޮވިޑްގެ ބަލި މީހުން އުޅޭތީކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިސާލަކަށް ފުރަބަންދު ކަރަންޓީނަށް ގޮސްފަހުރި މީހަކު ކަރަންޓީން ނިންމާފަ ޕޮޒިޓީވް ވެއްޖެޔާ އެ ރަށެއް އަޅުގަނޑުމެން މޮނިޓަރިން އަކަށް ނުލާނެ،" ނަޒްލާ ވިދާޅުވިއެވެ.

އަދި ވެކްސިން އާ ގުޅިގެން ލުއި ދިނަސް މި އުސޫލަށް ބަދަލެއް އައިސްފައިނުވާކަމަށް ނަޒްލާ ވަނީ ވިދާޅުވިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައިވަނީ ޖުމްލަ 20 ރަށެކެވެ.