14 Jul 2021, 16:45
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ކާމިޔާބުކުރެއްވުމާ ގުޅިގެން ޝާހިދަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަހުނިޔާ ފޮނުއްވައިފިއެވެ.
މޯދީ ޝާހިދަށް ތަހުނިޔާ ފޮނުއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކަފުޅެއްގައެވެ.
ޝާހިދު އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވީ އިންޑިއާގެ އެހީތެރިކަމާއެކުގައެވެ. އެ އިންތިހާބު ޝާހިދު ކާމިޔާބުކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމައި ރަސޫލްއާ ވާދަކުރައްވައި 75 ޕަސަންޓު ވޯޓާއެކުގައެވެ. އެއީ 191 ވޯޓުގެ ތެރެއިން 143 ވޯޓެވެ.
އދގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދު ކާމިޔާބުކުރެއްވުމާއެކު އެ މަގާމުގެ މަސައްކަތް ކުރެއްވުމަށްޓަކައި އުކުލަވާލާ ޓީމު ލީޑުކުރެއްވުމަށް ކެބިނެޓް ޗީފްގެ މަގާމަށް އައްޔަނުކުރައްވަން ނިންމާފައިވަނީ އދގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރ ނާގަރާޖް ނައިޑޫއެވެ. ކެބިނެޓް ޗީފްގެ މަގާމަކީ ޗީފް އޮފް ސްޓާފް ފެންވަރުގެ މަގާމެކެވެ.
އާއްމު މަޖިލީހުގެ ރިޔާސަތުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ތަގުރީރު ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ޓީމަކީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާ އަދި ހުރިހާ ޖިއޮގްރަފިކަލް ސަރަހައްދުތައް ތަމްސީލްކުރެވޭ، އެކި ގައުމުތަކުގެ މައްޗަށް ބަހާލެވޭ ޓީމަކަށް ހައްދަވާނެކަމަށެވެ. މީގެ ތެރޭގައި ތަރައްގީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ގައުމުތައް ވެސް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިފަށާ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައެވެ.