ވޮޝިންގޓަން (ފެބްރުއަރީ 18) : ވޯލްޑް ބޭންކަށް އައު ރައީސަކު އިޚްތިޔާރު ކުރުމަށްޓަކައި ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ ދޮރު އެބޭންކުގެ ޑައިރެކްޓަރުންގެ ބޯޑުން ހުޅުވާލައިފިއެވެ.

ވޯލްޑް ބޭންކަށް އައުރައީސެއް އިޚްތިޔާރު ކުރުމުގެ މަސައްކަތް އެބޭންކުގެ ޑައިރެކްޓަރުންގެ ބޯޑުން ފަށާފައިމިވަނީ އެބޭންކުގެ މިހާރުގެ ރައީސް ރޮބަޓް ޒޯލިކް ގެ ދައުރު އަންނަ ޖޫންމަހުގެ 30 ވަނަ ދުވަހު ހަމާވާއިރު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންނުވާކަން އޭނާ ހާމަކުރެއްވުމުންނެވެ.

އެމެރިކާގެ ކުރީގެ ޑިޕްލޮމޭޓެއް ކަމަށްވާ ރޮބަޓް ޒޯލިކް ވިދާޅުވީ އަމިއްލަ ބައެއް ސަބަބުތަކާ ގުޅިގެން ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންނުވާކަމުގައެވެ. ވޯލްޑް ބޭންކުގެ ރައީސްކަމަށް ވާދަކުރައްވަން ބޭނުންވާ މެންބަރު ޤައުމުތަކުގެ ކެންޑިޑޭޓުންގެ ނަންތައް އަންނަ އެޕްރީލް މަހުގެ 21 ގެ ކުރިން ޝޯޓް ލިސްޓްކޮށް އޭގެތެރެއިން ތިންބޭފުޅެއްގެނަންތައް އެތާރީޚުގެ ކުރިން ކަނޑައަޅާނެ ކަމަށް ޚަބަރު ލިބެއެވެ.

ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 21 ގައެވެ. ޝޯޓް ލިސްޓުން އިޚްތިޔާރު ކުރެވޭ 3 ނަން އެބައްދަލުވުމަށް ހުށަހަޅައި އޭގެތެރެއިންކޮންމެވެސް އެއްބޭފުޅަކު އެބައްދަލުވުމުގައި ވޯލްޑް ބޭންކުގެ ރައީސްކަމަށް އިޚްތިޔާރު ކުރެވޭނެއެވެ. ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އަކީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ މޮނޮޕޮލީ އޮންނަ ބައިނަލްއަޤްވާމީ މާލީ ދެމުއައްސަސާއެވެ.

އެހެންކަމުން މިދެމުއައްސަސާގެވެސް ވެރިއަކަށް މިހާތަނަށް އިޚްތިޔާރު ކުރެވެނީ ހަމައެކަނި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ ކެންޑިޑޭޓުންނެވެ. މިގޮތުން ވޯލްޑް ބޭންކުގެ ވެރިއަކަށް އެމެރިކާގެ ބޭފުޅަކު އިޚްތިޔާރު ކުރެވޭއިރު އައި.އެމް.އެފް. ގެ ވެރިއަކަށް އިޚްތިޔާރު ކުރެވެނީ ޔޫރަޕްގެ ބޭފުޅެކެވެ.

ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ ފަދަ ޤައުމުތަކަކީ ޔޫރަޕްގެ ޤައުމުތަކަށްވުރެ އިޤްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ޤައުމުތައް ނަމަވެސް ހުޅަނގުގެ ޤައުމުތަކުން އަތްގަދަކޮށް މޮނޮޕޮލައިޒް ކޮށްފައިވާ މިދެ މުއައްސަސާއަކަށް ހުޅަނގުގެ ބާރުތައް ފިޔަވައި އެހެން ޤައުމެއްގެ ބާރެއް ނުހިނގައެވެ. (ނޫސްއެޖެންސީތައް)