14 Jul 2021, 16:22
ލަންޑަން (ޖުލައި 14): ތާލިބާނުން އަފްގާން ސަރުކާރުގައި ބައިވެރިވެއްޖެނަމަ އެ ޖަމާއަތާ މެދު އިނގިރޭސިވިލާތް ދެކޭގޮތް ބަދަލުކޮށް އެޖަމާއަތަށް އިއުތިުރާފްވެ މުއާމަލާތް ކުރަން ތައްޔާރަށް އޮތްކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.
ލަންޑަންގައި ނުކުން ނޫހެއް ކަމަށްވާ "ޑެއިލީ ޓެލެގްރާފް" އަށް ދެއްވި ބަސްދީގަތުމެއްގައި އިނގިރޭސި ދިފާއީ ވަޒީރު ބެން ވަލާސް ވިދާޅުވީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތާލިބާނުން އަމަލުތައް ބަހައްޓާނަމަ އެޖަމާއަތާއެކު އިނގިރޭސި ސަރުކާރުން މުއާމަލާތް ކުރާނެކަމަށާ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން އަފްގާން ސަރުކާރުގައި ތާލިބާނުން ސިޔާސީ ފަރާތެއްގެ ގޮތުގައި ބައިވެރިވެއްޖެނަމަ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އެ ޖަމާއަތުގެ އަމަލުތައް ބަހައްޓާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

ތާލިބާނުން
ތާލިބާނުންނަށް އިއުތިރާފް ވުމަށްފަހުވެސް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ތާލިބާނުން ޚިލާފުވާނަމަ އެޖަމާއަތާ މުއާމަލާތް ކުރުން ހުއްޓުމަކަށް ގެންނަން ޖެހިދާނެކަމުގެ އިންޒާރު އިނގިރޭސި ދިފާއީ ވަޒީރު ދެއްވިއެވެ.
އަފްގާން ސަރުކާރުންވަނީ ތާލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަގުފަހި ކުރުމަށްޓަކައި ގަތަރު މެދުވެރިއަކަށް ވެގެން ދައުހާގައި ސުލްހައިގެ މަޝްވަރާތަކެއް އަންނަ ހުކުރުދުވަހު ބާއްވަން ނިންމާފައިވާކަން ހާމަކޮށްފައެވެ. ތާލިބާނާއި އަފްގާން ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށްޓަކައި ގަތަރުގެ އިތުރުން ރަޝިއާ އާއި އީރާންވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާއެކު ލަސްތަކެއްނުވެ އަފްގާން ވެރިކަން ތާލިބާނުންގެ އަތްދަށަށް ހިނގައިދާނެކަމުގެ ބިރު އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އިހްސާސް ކުރެއެވެ. އެމެރިކާ ސިފައިންގެ 95 އިންސައްތަ މީހުން އަފްގާނިސްތާނުން މިހާރު ފާބައިފައިވާއިރު ތާލިބާނުންވަނީ އަފްގާން ބިމުގެ ގާތްގަނޑަކަށް 85 ޕަސަންޓު އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ކަން ހާމަކޮށްފައެވެ.
ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމަށްޓަކައި 20 އަހަރު ވަންދެން އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްގާނިސްތާނުގައި ކުރި މަސައްކަތް ވަނީ މުޅިން ނާކާމިޔާބު ވެފައެވެ. މިއާއެކު އަފްގާނިސްތާނުގައި އަސްކަރީ ގޮތުން ފައިހަރުކޮށްލައިގެން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ތިބުމަކީ އެމެރިކާއަށްވެސް އަދި ނޭޓޯއަށް މަގްސަދު ހާސިލު ނުކުރެވި ބޮޑެތި ހަރަދުތަކެއް ހޭދަވާ ކަމަކަށްވާތީ އެމެރިކާވެސް އަދި ނޭޓޯވެސް ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ގެ ކުރިން އަފްގާނިސްތާނުން އެއްކޮށް ފޭބުމަށް ނިންމާފައެވެ.
އެމެރިކާ ވަނީ ތާލިބާނުން ބަލިކުރުމަށް ނުކުޅެދުމާއެކު އެޖަމާއަތާ މުއާމަލާތް ކުރަން މަޖްބޫރުވެގެން 2020 ވަނައަހަރު އެޖަމާއަތާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.