14 Jul 2021, 16:08
ދިއްލީ (ޖުލައި 14): އިންޑިއާގެ ތިން ސްޓޭޓެއްގައި ކޮންމެ އާއިލާއަކުން ދެ ދަރިންނަށް ވުރެ ގިނަ ދަރިން ނުހޯދަން ހިތްވަރު ދިނުމުގެ ގޮތުން އާ ސިޔާސަތުތަކެއް ތައާރަފުކުރަން ވިސްނާފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.
ޗައިނާގެ އާބާދީ ކޮންޓްރޯލް ކުރަން އެގައުމުގައި ދާދި ފަހަކާ ޖެހެންދެން އޮތް 'ދެ ދަރި ސިޔާސަތާ' އެއްގޮތް ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އިއުލާންކޮށްފައިވާ އިންޑިއާގެ އެއް ސްޓޭޓަކީ އުއްތަރަ ޕްރަދޭޝް އެވެ. އެއީ އެގައުމުގެ އެންމެ އާބާދީ ބޮޑު އަދި ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސަރުކާރެއް އޮތް ސްޓޭޓެކެވެ.
އުއްތަރަ ޕްރަދޭޝްއިން އެ ސްޓޭޓުގެ ޕާލިމެންޓަށް ހުށަހަޅަން ތައްޔާރު ވަމުންދާ ގާނޫނުގައި އޮންނަނީ ދެ ދަރިންނަށް ވުރެ ގިނަ ދަރިން ހޯދާ ބެލެނިވެރިންނަށް ދައުލަތުން އެއްވެސް އެހީއެއް ނުވަތަ ސަބްސިޑީއެއް އަދި ސަރުކާރުގެ ވަޒީފާއެއްވެސް ނުދިނުމަށް ބުނެފަ އެވެ. އަދި ދެ ދަރިން ހޯދާފައިވާ އާއިލާތަކުގައި، އެއް ބެލެނިވެރިއަކު ދަރިން ނުލިބޭ ގޮތަށް ސާޖަރީ ހަދައިފި ނަމަ އެ އާއިލާއަކަށް ހާއްސަ އިނާޔާތްތައް ލިބޭނެ ގޮތް ހަދަން ވެސް އެ ޑްރާފްޓުގައިވެ އެވެ. އޭގެ ތެރޭގައި ދިރިއުޅޭނެ ގެއެއް ގަތުމަށް ސޮފްޓް ލޯނު ދިނުމާއި ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި އެ ބަޔަކު ދައްކާފައިވާ ފައިސާގެ ބަޔެއް އަނބުރާ ދިނުން ހިމެނެ އެވެ.
އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ބުނި ގޮތުގައި އެފަދަ ބިލެއް އެކުލަވާލަން ޖެހިފައި ވަނީ އެ ސްޓޭޓުން ތަފާތު ވަސީލަތްތައް ލިބެން ހުންނާނީ ވަކި މިންވަރަކަށް ކަމުން، ހުރިހާ ރައްޔިތުންނަށްވެސް އަސާސީ ބޭނުންތައް ފުއްދޭނެ ވަރަކަށް އާބާދީ އޮންނާނެކަން ޔަގީން ކުރުމަށްޓަކަ އެވެ.
އުއްތަރު ޕްރަދޭޝްގެ ކުރިން، މިދިޔަ މަހު އައްސާމުން ވަނީ އެފަދަ ފިޔަވަޅެއް އަޅަން ވިސްނަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން ދެ ދަރިންނަށް ވުރެ އިތުރަށް ދަރިން ހޯދާ މީހުންނަށް ދައުލަތުގެ އެހީ ނުދީ ހިފަހައްޓަން ޖެހިދާނެ ކަމަށް އެ ސްޓޭޓުން ބުނެފައިވެ އެވެ. އަދި ގުޖުރާތުންވެސް އެފަދަ ގަވާއިދެއް އެކުލަވާލުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ކުރިއަށް އޮތް 10 އަހަރު ތެރޭގައި އިންޑިއާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވާނެކަމަށް ތަފާސްހިސާބުތަކުން ލަފާ ކުރެވޭ ނަމަވެސް، އެގައުމުގައި އާބާދީ ކޮންޓްރޯލް ކުރުމަށް "ދެ ދަރި" ސިޔާސަތު ފަދަ ގަވާއިދެއް ތަންފީޒުކުރަން ޖެހުމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި، އުއްތަރު ޕްރަދޭޝްގައި އުފަންވާ ރޭޓު 1993 އާއި 2016އާ ދެމެދު ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާ ކަމަށް ދެއްކުމާއި އެ އަދަދު އިތުރަށް ދަށްވަމުންދާ ކަމަށް ދިރާސާތަކުން ދެއްކުން ހިމެނެ އެވެ.
މީގެ އިތުރުން މުޅި އިންޑިއާގައިވެސް އުފަންވާ ރޭޓު ދަށްވަމުންދާ ކަމަށް ގައުމީ ތަފާސް ހިސާބުން ދައްކަ އެވެ. އެގޮތުން ނެޝަނަލް ފެމިލީ ހެލްތު ސާވޭއިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެގައުމުގައި ކޮންމެ އަންހެނަކަށް ލިބޭ ދަރިންގެ އަދަދު ނުވަތަ ޓޯޓަލް ފާޓިލިޓީ ރޭޓު މިހާރު 14 ސްޓޭޓެއްގައި ވަނީ ދަށްވެފަ އެވެ.
ބީޖޭޕީން ވެރިކަން ކުރާ ސްޓޭޓުތަކުގައި ދެ ދަރި ސިޔާސަތު ތަންފީޒު ކުރަން އުޅެނީ ހިންދޫންގެ ވޯޓު ހޯދުމަށްޓަކައި، ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ސަބަބަކީ އުއްތަރު ޕްރަދޭޝްއާއި އައްސާމް ފަދަ ސްޓޭޓުތަކުގައި މުސްލިމް އާއިލާތަކުން ގިނަ އަދަދަކަށް ދަރިން ހޯދާ، އެމީހުންގެ އާބާދީ ހިންދޫންނަށް ވުރެ އިތުރު ކުރަން މަސައްކަތް ކުރާ ކަމުގެ ދޮގު ތުހުމަތު ހިންދޫންގެ މެދުގައި ބައެއް މީހުން ފަތުރާތީ އެވެ.
ޗައިނާއިން އެންމެ ފުރަތަމަ އެއް ދަރި ސިޔާސަތު 1979 އިން ފެށިގެން ތަންފީޒު ކުރުމަށް ފަހު 2016 ގައި ދެ ދަރި ސިޔާސަތަށް ބަދަލު ކުރި އެވެ. ނަމަވެސް އެގައުމުގައި އުފަންވާ ކުދިންގެ އަދަދު ދަށްވަމުން ދާތީ އާއި އާބާދީގައި ދުވަސްވެފައިވާ މީހުން ގިނަވުމުން ދާތީ ޗައިނާއިން ވަނީ ކޮންމެ އާއިލާއަކަށްވެސް ތިން ދަރިން ހޯދަން މި އަހަރު ހުއްދަ ދީފަ އެވެ.