14 Jul 2021, 15:08
ޕީސީއާރު ޓެސްޓް ހެދުން އިންތިހާއަށް އިތުރުވެ، ނަތީޖާ ލިބުމުގައި ލަސްކަމެއް އައިސްދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ، ޓެސްޓު ކުރަންޖެހޭ ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީސީއާރު ޓެސްޓު ހަދަމުންދާތީ ކަމަށެވެ.
އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ ޓެސްޓުކުރުމުގައި ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަންދެވޭނެ ކަމަށެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރުމަށް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.
ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނާއި، މިވަގުތު ވެކްސިން ފުރިހަމަކޮށް ކަރަންޓީންގައި ތިބި ފަރާތްތަކުން ވެސް ޓެސްޓްކޮށް ނެގެޓިވް ނަތީޖާ އަކާއެކު ދަތުރު ކުރެވޭނެ އެެވެ. ޓެސްޓްކުރުން އިތުރު ވެފައި ވަނީ އެ ސަބަބަށްޓަކައެވެ.
ކުރިއަށް އޮތީ ބޮޑު އީދު ބަންދު ކަމަށް ވުމުން، ގިނަ ބަޔަކު ދަތުރު ކުރުމަށްޓަކައި ޓެސްޓު ހަދަމުން ދެއެވެ.